ރަށުތެރޭގެ ކުޑަ ވިޔަފާރިން އެންމެން ދަންނަ ބްރޭންޑަކަށް: ކޭ-9 ގެ ކާމިޔާބީގެ ފަހަތުގައި މަންމައާ ދަރިފުޅުގެ ބުރަ މަސައްކަތް!
މިއީ ހަލީމް އަލީއާއި އޭނާގެ މަންމަގެ ވާހަކައެވެ. ހަލީމްއާއި އޭނާގެ މަންމައަކީ މ. މަޑުއްވަރީގައި ރިހާކުރު ތައްޔާރުކުރުމާއި، މަސް ހިއްކުމާއި، އަދި މަހުގެ އެކި ބާވަތްތަކުން ތަފާތު އުފެއްދުންތައް އުފެއްދުމުގެ މަސައްކަތުގައި ނަމޫނާ ދައްކަމުންދާ ހީވާގި ދެ މައިންނެވެ.
ހަލީމް ބުނި ގޮތުގައި، މި ދެ މައިން މި މަސައްކަތް ފައްޓާފައިވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި މ. މަޑުއްވަރީއަކީ މަސް ކެއްކުމާއި، މަސް ހިއްކުމާއި، އަދި މަސްވެރިކަމުގެ އެކި މަސައްކަތްތައް ޒަމާނުއްސުރެ ކުރަމުން އައި ރަށެއް ނަމަވެސް، މިހާރު މަސްވެރިންގެ އަދަދު މަދުވަމުންދާކަން ހަލީމް ވަނީ ފާހަގަކޮށްފައެވެ. އެއާއެކު، މި މަސައްކަތަށް ޝައުޤުވެރިކަން އުފެދުނު ސަބަބެއްކަމުގައި ހަލީމް ބުނީ، ގިނަ ބަޔަކު އެހެން ރަށްރަށަށް ހިޖުރަކުރަމުންދާތީ، މި އަގުހުރި ފަންނު އުވިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޮތުމެވެ.
ހަލީމް ސިފަކުރިގޮތުގައި، މި މަސައްކަތަށް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ފަރާތުން ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މިގޮތުން، ކޭ-9 ފިޝް ބްރޭންޑްގެ އުފެއްދުންތައް ވަނީ ގއ، ގދ، ށ، އއ، އދ، ހއ، އަދި ހދ އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައިވެސް ފާހަގަކޮށްލެވޭ މަޤުބޫލުކަމެއް ހޯދާފައެވެ. އަދި ހަލީމްގެ އުއްމީދަކީ، މި މަސައްކަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މަހުގެ ބާވަތްތައް ލިބޭނެ މަގު ތަނަވަސްވެ، ރަށަށް އިޤްތިޞާދީ ކުރިއެރުމާއި އާމްދަނީ އިތުރުވެގެންދިއުމެވެ. މީގެ އިތުރުން، މި ސިނާޢަތަށްވެސް އިތުރު ކުރިއެރުންތަކެއް ލިބި، މ. މަޑުއްވަރީގައި ފަނޑުވަމުން އަންނަ މި އަގުހުރި ފަންނަށް އައު ދިރުމެއް ލިބިގެންދިއުމެވެ.
"އަޅުގަނޑުމެން މި މަސައްކަތް ފަށާފައި މިވަނީ ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ނިޔަތުގައި،" ހަލީމް ހިނިތުންވުމާއެކު ފާހަގަކުރިއެވެ.
ހަލީމްއާއެކު މި މަސައްކަތުގައި ވަރުބަލިކަމެއް، ފޫހިކަމެއް ނެތި މަސައްކަތްކުރަމުން އަންނަނީ އޭނާގެ ލޮބުވެތި މަންމައެވެ.
ދޮށީ އުމުރަށް ދިއުމުން ހަރަކާތްތެރިވެ އުޅުމާއި މަސައްކަތްކުރުން ހުއްޓާލުމުގެ ވިސްނުން ގެންގުޅޭ ގިނަ މީހުންނާ ޚިލާފަށް، ހަލީމްގެ މަންމަ މި މަސައްކަތް ސިފަކުރީ، އެ އުމުރުގައި ވެސް ހަރަކާތްތެރިވެ އުޅުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައެވެ. އަދި ހުރިހާ ދަރިންގެ ފަރާތުންވެސް މި މަސައްކަތަށާއި ދިރިއުޅުމުގެ އެކި ކަންކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އުފަލާއެކު ފާހަގަކުރަމުން އޭނާ އިތުރަށް ބުނީ، ދަރިންގެ ފަރާތުން ލިބޭ އެހީތެރިކަމާމެދު ލޯތްބާ މެދު އަބަދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ހަލީމްއާއި އޭނާގެ މަންމަގެ މި ވާހަކައަކީ ހަމައެކަނި މަސައްކަތެއް ނުވަތަ ވިޔަފާރިއެއްގެ ވާހަކައެއް ނޫނެވެ. މި ދެ މައިންގެ ވާހަކައަކީ ބުރަ މަސައްކަތާއި، ވަރުގަދަ އަޒުމާއި، ހިތްވަރުގެ ވާހަކައެކެވެ. މިއީ މަޔަކާއި ދަރިއެއްގެ ގާތް ގުޅުމާއި ލޯބި ދައްކުވައިދޭ ރީތި މިސާލެކެވެ.