ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅު ދަތުރުފުޅުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިފްތިތާޙް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށްތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކާއި އެއްގޮތަށް ރަށްރަށުގެ ކުރިއެރުމަށް ކުރައްވަން ހުރި ގިނަ ކަންކަން އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިއީ، އެމަނިކުފާނުގެ ވައުފުފުޅާއި އެއްގޮތަށް ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ، ރައްޔިތުންގެ އަޑު އެންމެ ގާތުން އައްސަވާނެކަމަށް ވެފައިވާ ވައުދާ އެއްގޮތަށް ބ. އަތޮޅަށް ކުރައްވާ ޒިޔާރަތެކެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ދިރިއުޅުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ބޭނުންފުޅުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން، ބ. ކުޑަރިކިލަށް ޒިޔާރަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަރިކިލު މަގުހެދުމުގެ މަސައްކަތްކުރުމަށް މިހާރުވާނީ އާރް.ޑީ.ސީ އާ ހަވާލުކޮށްފައި ކަމަށެވެ. އަދި، ފެނާއި ނަރުދަމާއަކީ މަގުހެދުމަށްޓަކައި ނިންމަންޖެހޭ ކަމެއް ކަމުން، މި ދެ ކަންތައް ގުޅިލާމެހޭ ގޮތަށް ކުރިޔަށްގެންދިއުމުގެ ކަންތައްތައް މިހާރު މިވަނީ ހަމަޖެހިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއަށްފަހު، ބ. ކަމަދޫ އަށް ޒިޔާރަތްކުރައްވާ އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި، ރަށުގެ ތަރައްޤީއަށްޓަކައި އަދި ރައްޔިތުންނަށް ދަތިވާ ކަންކަމުގައި، މިހެން ހުރި ބޮޑެތި މަޝްރޫޢުތައް، ވަރަށް ރަނގަޅަށް ތަރުތީބުކުރެވި، ހިނގަމުންދާނެ ކަމަށެވެ.

ދެން ޒިޔާރަތްކުރެއްވީ ބ. އޭދަފުއްޓަށެވެ. އެރަށުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރުފަރާތަކާ އެކީގައި އޭދަފުށީގައި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް ހިންގުމަށް ސޮއިކުރެވިފައިވާ ކަމަށާއި، މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުތެރޭގައި ފަށައި، ސޮއިކުރެވުނު ގޮތަށް، މި ދައުރު ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށެވެ. މީގެ އިތުރުން، ބ. ތުޅާދޫއަށް ވަޑައިގެން ރައީސްވަނީ، މިރަށުގައި، މާ ލަސްތަކެއްނުވެ، އިތުރު 100 ހައުސިންގް ޔުނިޓުގެ މަޝްރޫޢު ފަށައިދޭނެ ކަމަށް ވިދާޅުވެފައެވެ.

ދެން ވަޑައިގެންނެވީ ބ. ގޮއިދޫއަށެވެ. އެރަށުގެ ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށަށް ބޭނުންވާ ފެންވަރުގެ ބަނދަރެއް ހެދުން އެއީ އެމަނިކުފާނު ގޮއިދޫ ރައްޔިތުންނަށް ވީ އެއް ވައުދު ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަސްދުވަސްތެރޭގައި ޓެންޑަރިން ޕްރޮސެސް ކުރިއަށް ގެންގޮސް، މިއަހަރު ތެރޭގައި އަމަލީ ގޮތުން މިމަސައްކަތް ފަށައިދޭނެ ކަމަށެވެ. ބ. ފެހެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިރަށުގައި ފެށިފައި އޮތް ފެނާއި ނަރުދަމާގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އާއެކީގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި، އެމް.ޑަބްލިޔު.އެސް.ސީ އިން މިހާރު ތަކެތި ގެނެސް މަސައްކަތް ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބ. ފުޅަދޫ ރައްޔިތުންގެ އަރިހުގައި ރައީސް ވިދާޅުވީ، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެކި އެކި ކަންކަމަށް ބަލާއިރު ފެނާއި ނަރުދަމާގެ މަޝްރޫޢު އަވަހަށް ނިމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިހާރު އެމް.ޑަބްލިއު.އެސް.ސީ އާ އެކީގައި އެގްރީމެންޓް ހެދި، ތަކެތި ގެނެވި، އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށް ވިދާޅުވަމުން، މި މަސައްކަތް ފަށައި ވަރަށް އިސްކަމެއް ދީގެން ބާރުމިނުގައި ކުރިއަށް ގެންގޮސް ނިންމާނެ މަޝްރޫޢެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ސަރުކާރުގެ ވައުދުތައް ފުއްދައި، ރައްޔިތުންނަށް އެދެވޭ ތަރައްޤީއެއް ގެނެސްދެއްވުމަށް ކެރިގެން މަސައްކަތްކުރައްވާނެކަން ހާމަވެގެންދާ ދަތުރުފުޅެކެވެ.