logo
banner image

ކިންގްޑޮމް އޮފް ސަޢުދީ އަރަބިޔާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ އެމްބެސްޑަރ، ހިޒް އެކްސެލެންސީ، ޔަހްހާ ހަސަން އަލްޤަތަނީ ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، އެވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފައެވެ.

ވުޒާރާއަށް ޒިޔާރަތްކުރައްވައި ބޭއްވި މި ބައްދަލުވުމުގައި، ދެ ޤައުމުން ގުޅިގެން މަތީ ތަޢުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ޢިލްމީ ދިރާސާކުރުމުގެ ޕްރޮޖްކްޓްތަކުގެ އިތުރުން ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމާއި ގުޅޭ ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ބޭރުގެ ޤައުމުތަކާއި އެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކާއި ގުޅުން ބަދަހިވެ، ދިވެހި ދަރިވަރުންނަށް ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތަށް އިތުރުވެގެންދާނެއެވެ. މިއީ، ދިވެހިރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމާއި ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.