ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު
އިންޑިއަން އެގްޒިމްގެ 800 މިލިއަން ކްރެޑިޓްލައިންގެ ދަށުން ކުރިއަށްގެންދާ ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިނިސްޓަރ ޑރ.ޢަބްދުالله މުއްޠަލިބް އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް ގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލިލްއޭވިއޭޝަން މުޙައްމަދު އަމީން ބައްލަވާލައިފިއެވެ. ހދ.ހަނިމާދޫއަށް 17 ޖުލައި 2024 ވީ ބުދަ ދުވަހު ކުރެއްވިދަރުފުޅުގައި މިވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ޠަޢާމް މުޙައްމަދު، އިންޑިއާ ހައިކޮމިޝަންގެ އިސްބޭފުޅުންނާއި އަދި މިވުޒާރައިގެ ޓެކްނިކަލް ޓީމުންވެސްވަނީ ބައިވެރިވެލައްވާފައެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިޔާގެ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް ގެ ފަރާތުންނެވެ. މި ދަތުރުފުޅުގައި އެއަރޕޯރޓް މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވާ ނަތީޖާ ހާސިލްވަމުންދާ މިންވަރާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ނިންމުމަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންކަމާމެދު ކޮންޓްރެކްޓަރ، ކޮންސަލްޓަންޓް އަދި މި މަޝްރޫޢުގެ ވެރިފަރާތް ކަމުގައިވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްއާއި މަޝްވަރާކުރައްވާފައި ވެއެވެ. މިހާރަށް ބަލާއިރު މަޝްރޫޢުގެ ޖުމްލަ %67.5 މަސައްކަތް ވަނީ ނިންމާލެވިފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ ތަފްޞީލު
• 2400 މީޓަރު ރަންވޭ އަދި އޭޕްރަންގެ %97 މަސައްކަތްމިހާތަނަށްވަނީ ނިންމާލެވިފައެވެ. އަދި މި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށެވެ.
• 10،500 އަކަމީޓަރުގެ ޕެސެންޖާރ ޓާމިނަލް ބިލްޑިންގް ގެ 51.4%މަސައްކަތް ވަނީ ނިމިފައެވެ. މިވަގުތު އިމާރާތުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގް ގެ މަސައްކަތް އެކުއެކީ ކުރިއަށްގެންދަމުންދެއެވެ.
• 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތުގެ 75% ވަނީ ނިމިފައެވެ. ސްޓްރަކްޗަރަލް މަސައްކަތް އެކީ ނިމި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.
• ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތް 44.5% ވަނީ ނިމިފައެވެ. އަދި ޓޭންކުތަކުގެ ފައުންޑޭޝަން މަސައްކަތްނިމި ޓޭންކް ރޭވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
• އެހެނިހެން އެންސިލަރީ ބިލްޑިންގްތަކުގެ މަސައްކަތުގެ ބޮޑުބައިވަނީ ނިމިފައެވެ. އަދި ގިނަ އިމާރާތްތަކުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިމި، ހަވާލުކުރެވޭނެއެވެ.
• އޭއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ މަސައްކަތުގެ 50% ވަނީ ނިމިފައެވެ.
• މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ އެމް.އެން.ޑީ.އެފް. މަރުކަޒުގެ 55% މަސައްކަތް ވަނީ ނިމިފައެވެ.
• މުޅި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ މާރިޗު 2025ގައެވެ.