ޖަޕާނުންން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބަންޑާރަނައިބުގެ އަރިހަށް އެ ކަމަނާ ކުރެއްވި ޒިޔާރަތުގައި، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެ ގޮތުން، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، މުވައްޒަފުންގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތައް ހިމެނޭގޮތަށް، އެއްބާރުލުން ދެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ބަންޑާރަނައިބު އުޝާމް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޖަޕާނު ސަރުކާރުން ދެއްވަމުން ގެންދަވާ ދެމެހެއްޓެނިވި އެހީތެރިކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާ ދޭތެރޭ ޖަޕާނު ސަރުކާރުން ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަން ޤަބޫލުކުރައްވާ ކަމުގައި ބަންޑާރަނައިބު އުޝާމް ވިދާޅުވެފައިވެއެވެ.
22 ޖުލައި 2025 ވީ އަންގާރަ ދުވަހު ބަންޑާރަނައިބުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިއްބެވިކަން ފާހަގަކުރައްވާފައިވެއެވެ. ޖަޕާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގޮތުގައި ރަސްމީކޮށް އެކަމަނާ މަސައްކަތްޕުޅު ކުރައްވަން ފައްޓަވާފައިވަނީ، 4 ފެބުރުވަރީ 2025 ގައެވެ.