އެފްޑީސީން އިމާރާތްކުރި 4000 ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅޭ ބަޔާން
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ފްލެޓް ލިބޭ ފަރާތްތަކުގެ މަޢުލޫމާތު އެފްޑީސީއާ ޙިއްސާކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އިން ވަނީ ފަށާފައެވެ.
މިނިސްޓްރީން މިކަން ކުރިއަށް ގެންދަނީ ގެދޮރުވެރިކުރުމުގެ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލު (2022-G-20) އާއި، 29 މޭ 2025 ގައި ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި، ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީންނެވެ.
ފްލެޓް ލިބޭ ފަރާތްތަކަށް އަންގާނެ ގޮތް
އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް އެކަން އެންގޭނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށެވެ. މިނިސްޓްރީން އިލްތިމާސްކޮށްފައިވަނީ، ޕޯޓަލް މެދުވެރިކޮށް ނާންގާ ފަރާތްތަކަށް މިނިސްޓްރީން ނުވަތަ އެފްޑީސީން ނުގުޅާނެ ކަމަށާއި، އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ރައްޔިތުން ސަމާލުވުމަށެވެ.
