ހދ ނެއްލައިދޫ މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި
ހދ ނެއްލައިދޫ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުކޮށްދީ އެސަރަހައްދުގައި ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ނެއްލައިދޫ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެރަށު ކައުންސިލުން މިއަދު ވަނީ މި ވުޒާރާއާއި އެކު މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ނެއްލައިދޫ ކައުންސިލްގެ ރައީސްއާއި ނައިބްރައީސްގެ އިތުރުން ކައުންސިލްގެ އިސްބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރަގެ މެމްބަރު ހުސައިން ޒިޔާދުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ ރަށަށް ބޭނުންވާ ކަންކަން ފާހަގަކޮށް އެކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ނެއްލައިދޫ ޒުވާނުންނަކީ މުނިފޫހިފިލުވުމުގެ މަސްވެރިކަން ކުރަމުން އަންނަ ބައެއްކަމަށާ އެސަރަހައްދުގައި ސްޕޯޓްސް ފިޝިންގ ވަދު ކަނދުފައްޗެއް ގާއިމްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މެރިކަލްޗަރ ސިނާއަތުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
ނެއްލައިދޫ އަކީ ހުއިފިލަނޑާގެ މަސްވެރިކަން ކުރަމުން އަންނަ ބައެއްކަން ފާހަގަކޮށް ރާއްޖެއިން ބޭރަށް ހުއިފިލަނޑާ ބޭރުކުރެވޭނެ ފުރުސަތުތަކާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވަނީ ނެއްލައިދޫ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ މުއްތަލިބު ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރ މުއްތަލިބް ވިދާޅުވީ މިވަގުތައް ކަނދުފަތި އެޅުމުގެ މަސައްކަތް މަޑުޖައްސާލާފައި ވީނަމަވެސް މި ފެށޭ ހަފްތާގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެއިތުރުން ރާއްޖެއިން ބޭރަށް ހުއިފިލަނޑާ އެކްސްޕޯޓް ކުރުމަށް ހުރިފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން މުއްތަލިބް ވިދާޅުވީ މިހާރުވެސް ޗައިނާއަށް ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.
ނެއްލައިދޫގައި ގާއިމް ކުރާ ފެޑް ސެންޓަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާ އަންނަ އަހަރު ފެޑް ސެންޓަރު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.