logo
banner image

އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެން ފެށޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 25 މިލިއަން ރުފިޔާ ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

މިމަހު 14 ވަނަ ދުވަހުގެ ރޭކުރިއަށް ދިޔަ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އުސޫލުތައް އެކުލަވާލުމުގައި ފަންނުވެރިންގެ ލަފަޔާއި ހިޔާލު ހޯދާފައިވާކަމަށާއި، މިހާރު ގަވާއިދުތައް އެކުލަވާލަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އަންނަ މަހު މި އެހީތެރިކަން ދޭން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިން އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަންނުވެރިންނަށް ހާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތް މި އަހަރު ތެރޭގައި ނިންމައި، ފަންނުވެރިންނަށް މި ވަސީލަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.