logo
banner image

ބޭސިކް ރޭންޖަރސް ކޯސް 17 ފަރާތަކުން ފުރިހަމަކޮށްފި

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް އެންދެރި މަޝްރޫއުގެ ދަށުން، ލ.އަތޮޅުގައި ކުރިޔަށް ގެންދިޔަ ބޭސިކް ރޭންޖަރސް ކޯސް 17 ފަރާތަކުން ފުރިހަމަކޮށްފިއެވެ.

އެންދެރި ޕްރޮޖެކްޓުން ފަންޑުކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހިންގި، މި ޕްރޮގްރާމްގެ ކިޔެވުން ކުރިޔަށް ދިޔައީ ލ. ގަން އެމްއެންޔޫ ކެމްޕަހުގައެވެ. މި ކޯސް ފުރިހަމަކުރި 17 ދަސްވެނިންނަށް އިއްޔެ ވަނީ ސެޓިފިކެޓް ހަވާލުކޮށްފައެވެ. ދަސްވެނިންގެ ތެރޭގައި ލ. އަތޮޅުން ސްކޮލަރޝިޕް ލިބިގެން ކޯސް ފުރިހަމަކުރި 10 ދަރިވަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ 7 ރޭންޖަރުން ބައިވެރިވިއެވެ.

ދަސްވެނިންނަށް ސެޓިފިކެޓް ހަވާލުކުރުމަށް ލ. ގަން ކޭމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ހުނަރުވެރި ރޭންޖަރުންނަކީ ވަރަށް މުހިންމު ބައެއްކަން ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ ފާހަގަކުރެއްވިއެވެ. ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެތި ހިމާޔަތްކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަންވެސް ޖައުހަރީ ފާހަގަކުރެއްވިއެވެ.

ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމަކީ ހިމާޔާތްކޮށްފައިވާ އަތޮޅުތަކުގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ތައްޔާރުކޮށްފައިވާ ކޯހެކެވެ. އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ކޯހުގައި ތިމާވެށީގެ ސައިންސްއާއި ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތްތަކާއި އިޖްތިމާޢި ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެއެވެ.