2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރާއްޖެއަށް ދެން އެތެރެކުރެވޭނީ ޚާއްޞަ ހުއްދައެއް ނަގައިގެން
13 ޖުލައި 2025 އިން ފެށިގެން ރާއްޖެއަށް 2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރެވޭނީ އެކަމަށް ޚާއްޞަ ހުއްދައެއް ނެގުމަށްފަހުގައެވެ. މި ބަދަލު އައިސްފައިވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ޤަވައިދު އިޞްލާހުކޮށް، އެއަށް ޢަމަލުކުރަން ފަށާފައިވާތީއެވެ.
އުޅަނދުފަހަރު ރާއްޖެ އެތެރެކުރުމުގެ ހުއްދައަކީ މީގެ ކުރިންވެސް ވުޒާރާއިން ދެމުން އައި ހުއްދައެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ފާއިތުވި 5 އަހަރު ވަނީ މި ހުއްދަ ދިނުން ހުއްޓާލާފައެވެ. އަލުން މި މަސައްކަތް ފަށާފައިވާއިރު، ރާއްޖެ އެތެރެކުރެވޭ 2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ބާއްވާނެ ޖާގައެއް އޮތްތޯ ކަށަވަރުކުރެވޭނެ ނިޒާމާއެކު މިކަން ކުރިއަށްދާނެއެވެ.
މީގެ ކުރިން ހުއްދަ ދޭއިރު އެތަނަކީ ވެހިކަލް ބޭއްވޭނެ ތަނެއްތޯ ނުބެލުނު ނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު އުޅަނދު އެތެރެކުރުމަށް ހުއްދަ ދޭއިރު، އެ އުޅަނދެއް ބޭއްވުމަށް ހަމަޖައްސާ ތަނަކީ އެ އުޅަނދެއް ބޭއްވުމަށް އެކަށޭނެ ތަނެއްކަން ބެލުމަށް މި ވުޒާރާއިން ދާނެއެވެ. ހުއްދަ ދެވޭނީ މިކަންކަން ބެލުމަށްފަހުގައި ކަނޑައެޅިފައިވާ މިންގަނޑު ފުރިހަމަވާނަމައެވެ.
މި ބަދަލާއެކު އުޅަނދުތައް ބާއްވާނެ ޚާއްޞަ ޖާގަ ކަށަވަރުވެ، ޚާއްޞަކޮށް މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ކުރިއެރުން ލިބޭނެއެވެ. މި އިސްލާހުގެ ސަބަބުން މަގުމަތީގައި ވެހިކަލް ޕާކުކުރުމުގެ މައްސަލަތަކަށް ހައްލެއް ލިބި، ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެގެންދާނެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ. މި ޤަވާއިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުމެވެ.
2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް މި ވުޒާރާގެ ޕޯޓަލް (eportal.mta.gov.mv) މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. އަދި މި ޚިދުމަތަށް އެދޭ ފޯމް މި ވުޒާރާގެ ވެބްސައިޓުގެ އިތުރުން ރިސެޕްޝަނުން ވެސް ލިބެންހުންނާނެއެވެ.