logo
banner image

މިދިޔަ ހަފްތާ މަސްވެރިން ކިރުވި މަހަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން ކިރު ާމަހަށް 48 ގަޑިިއިރުތެރޭ ފައިސާ ދޭން ފެށުމުން މަހަށް ނިކުންނަ ދޯނި އިތުރުވެ މަސްވެރިކަން ރަނގަޅުވާން ފަށައިފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މުޅި ޖުމްލަ 24،030،291 (ސައުވީސް މިލިއަން ތިރީސް ހާސް ދުއިސައްތަ ނުވަދިހަ އެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާ އާއި އަޅާބަލާއިރު 112.6 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެދުވަހު މިފްކޯއަށް 75 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިނަށް މުޅި ޖުމްލަ 5,156,362 ( ފަސް މިލިއަން އެއް ލައްކަ ފަންސާސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާ ދޫކޮށްފައިވެ އެވެ.

ވޭތުވެ ދިޔަ ހަފްތާ 379 ދޯންޏަކުން މިފްކޯއަށް މަސް ކިރުވަފައިވެއެވެ. އޭގެ ކުރީ ހަފްތާ މިފްކޯއަށް މަސް ކިރުވާފައި ވަނީ 240 ދޯންޏަކުންނެވެ.

48 ގަޑިއިރުގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދަވައި، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.

މި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް މިފްކޯ އިން ވަނީ 9.3 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. އެއީ:

1. މަހުގެ ފުރަތަމަ ދުވަހު 1.3 މިލިއަން ރުފިޔާ

2. މަހުގެ ދެވަނަ ދުވަހު 1.5 މިލިއަން ރުފިޔާ

3. މަހުގެ ތިންވަނަ ދުވަހު 3.5 މިލިއަން ރުފިޔާ

4. މަހުގެ ހަތަރު ވަނަ ދުވަހު 3.01 މިލިއަން ރުފިޔާ

އެއީ މުޅި ޖުމްލަ 154 ދޯންޏަކުން ކިރުވި މަހަށް މިފްކޯ އިން ދޫކުރި ފައިސާގެ އަދަދެވެ.