ދުވަހުގެ މަސް: ކޯބިޔަ
މިއީ ކޯބިޔަ މަސް.
"ކޯބިޔަ" މިނަން މި މަހަށް ދީފައިވަނީ އިގިރޭސިބަހުން ކިޔާ " ކޯބިއާ" މިނަމާ ގުޅުވައިގެންނެވެ.މި ނަން ދީފައިވަނީ މަހުގެ އަނގަބޮޑުވެފައި ކޯބޮޑުކަމަށް ފެންނާތީއެވެ.
ކޯބިޔަ މަހަކީ ރާއްޖޭން ޢާއްމުކޮށް ފެންނަ މަހަކަށް ނުވާތީ ދިވެހީންގެ ތެރޭގައި މި މަހަށް ކިޔާ ވަކި ނަމެއްވެސް ނޯވެއެވެ. މިއީ މި ޢާއިލާގެ ހަމައެކަނި ބާވަތެވެ. މިއީ ފަތިކޮށް އަނގަ ވަރަށް ފުޅާކޮށް، ދިގުކޮށް ހުންނަމަހެކެވެ.
މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ކުރުކޮށް 7 އާއި 9 އާ ދެމެދުގެ ޢަދަދަކަށް ހަރުކަށިތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 2 މީޓަރަށެވެ. މަހުގެ ނިގޫފަތުގެ ކޮޅުހުންނަނީ ހަނދުފަޅިބުރަށް ކަފިކޮންނެވެ. ނަމަވެސް ޅަމަހުގައި ނިގޫފަތް ހުންނަނީ ކޮޅަށް ވަށްކޮންނެވެ. މިއި މާކަނޑުތަކުގެ މަތީބައިގައި އުޅޭމަހެކެވެ. މިބާވަތުގެ މަސް ކުދިކުދި އައިން ހަދައިގެން ފަރުފަރުގެ ބޭރުގައިވެސް އުޅެއެވެ. ކޯބިޔާއަކީ އައްޓަމަހުގެ ޢާއިލާއާއި ކޮންމެވެސް ވަރަކަށް ގުޅުން ހުރި މަހެކެވެ.
މިމަހުގެ ޢާއްމު ސިފަތައް އައްޓަމަހާއި ވަރަށް އެއްގޮތެވެ. ނަމަވެސް އައްޓަމަހުގެ ބޮލުގެ މަތީގައި ހުންނަ "ތަތްކުރާތަށި" މިމަހަކު ނުހުރެއެވެ. މަހުގެ ބުރަކަށިމައްޗާއި އަރިމަތީގެ ކުލައަކީ މުށިކުލައެވެ. މަހުގެ ދެ އަރިމަތީގައި އަޅިކުލައިގެ ފުޅާ ދެ ރޮނގު ފާޅުކޮށް ފެންނަން ހުރެއެވެ. ބަނޑުދަށް ހުންނަނީ ފަނޑު ރީނދޫކުލައެއްގައެވެ. މަހުގެ ޢާއްމު ކާނާއަކީ ކަކުނިފަދަ އެއްޗެއްސެވެ.