logo
banner image

ޔޫރަޕުގެ އެއްވެސް ގައުމަކުން ރާއްޖޭގެ މަސް ކުންފުންޏެއް ބްލެކްލިސްޓެއް ނުކުރޭ، ފަތުރަނީ ދޮގު ހަބަރެއް- ވަޒީރު

ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތުން އަދި ޔޫރަޕުގެ އެހެން އެއްވެސް ގައުމަކުން ރާއްޖޭގެ އެއްވެސް މަސް ކުންފުންޏެއް ބްލެކް ލިސްޓު ކޮށްފައި ނުވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ އިނގިރޭސިވިލާތާއި ޔޫރަޕުގެ ޤައުމުތަކުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއި ރާއްޖޭގެ އެެހެން މަސްކުންފުނިތައް ބްލެކްލިސްޓު ކޮށްފައިވާކަމަށް ބުނެ ލިޔެ ފަތުރަމުންދާ ދޮގު ހަބަރަކާ ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ އީޔޫ އާއި އިނގިރޭސިވިލާތް ފަދަ ޔޫރަޕުގެ ގައުމުތަކުން ރާއްޖޭގެ މަސްކުފުނިތަކުން ވިޔަފާރި ކުރުން މަނާކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. މި ފަދަ ގޮދު ހަބަރުތައް ނުފެތުރުމަށް ވަޒީރު ވަނީ ނޫސްތަކަށް އިލްތިމާސްކޮށްފަ އެވެ.

ވަޒީރު ވިދާޅުވީ މި ފެށޭ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރީގެ އެއްބަސްވުމަކާ މެދު މަޝްވަރާކުރުމަށް ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށާ އެތައް އާއިލާއެއްގެ ދިރިއުޅުން ބަރޯސާވަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން ލިބޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނޫސްތަކުން ފެތުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށެވެ.

މިފްކޯ އާއި ރާއްޖޭގެ މަސްކުންފުނިތައް އިނގިރޭސި ވިލާތާއި އީޔޫ އިން ބްލެކްލިސްޓު ކޮސްފައިވާ ކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހަބަރާ ގުޅިގެން މިފްކޯއިންވެސް ވަނީ އެކަން ދޮގު ކޮށްފަ އެވެ. މިފްކޯއިން ބުނީ އެފަދަ އެއްވެސް ފިޔަވަޅެއް އެ ކުންފުންޏާމެދު އަޅާފައި ނުވާ ކަމަށެވެ. އަދި އެހެން އެއްވެސް މަސް ކުންފުންޏަކާ މެދުވެސް އެފަދަ ފިޔަވަޅެއް އާޅަފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.