ރާއްޖޭގެ އަންހެނުން ކުރިއަށް ދިއުމަށް ލިބުނު ފުރުސަތުގެ ބޭނުން މިއަދު އަންހެނުން ހިފަމުންދާކަން ވަރަށް ބޮޑަށް ހާމަވެގެންދޭޭ: މިނިސްޓަރ
މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނީންގެ ތެރޭގައި އަންހެން ބޭފުޅުން ގިނަކަން ފާހަގަވި ކަމުގައި މިނިސްޓްރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަ އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިރޭގެ ދަސްވެނީންގެ ތެރޭގައި ހާއްސަކޮށް އަންހެން ބޭފުޅުން ގިނަ. މިއީ ރާއްޖޭގައި އަންހެނުން ކުރިއަރާ ދިއުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް، އަދި މިއީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އަންހެނުން ކުރިއަށް ދިއުމަށް ލިބުނު ފުރުސަތުގެ ބޭނުން މިއަދު އަންހެނުން ހިފަމުންދާކަން އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް" މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި މިއަދު އެންމެ ބޮޑަށް ބޭނުންވާ ބަޔަކީ ތައުލީމީ ޒުވާނުން ކަމަށާއި އަދި މިވަގުތު ޤައުމަށް އެންމެ ބޮޑު ޙިދުމަތެއް ކޮށްދެވެނޭ ބަޔަކީވެސް ތައުލީމި ޒުވާނުން ކަމަށެވެ. ޤައުމު ބިނާކުރުމުގައި ތައުލީމީ ޒުވާނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޭނުންވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިޤައުމު ކުރިއަށް ގެންދިއުމުގައި މިރޭގެ ދަސްވެނީން ފުރިހަމަ ގޮތެއްގައި ލިބިވަޑައިގެންނެވި ތައުލީމާއި، ތަޖުރިބާގެ އަލީގައި ރާއްޖޭގައި މިއަދު ހުރި ތަފާތު އެކި ގޮންޖެހުންތައް ދިރާސާކޮށް އެމައްސަލަތައް ހައްލުކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމުގައި ޤަބޫލުކުރައްވާ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.