ނ. މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް ނިންމާ، ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފި
ނ. މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ، އެއަރޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިކަމަށްޓަކައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މަސައްކަތުގެ ނިމުން ފާހަގަކުރުމަށްޓަކައި، މާފަރު އެއަރޕޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި ޚިދުމަތް އިފްތިތާޙުކުރީ މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރަކާއެކުއެވެ. މި ބޯޓަށް މަރުޚަބާ ކިއުމުގެ ގޮތުން ފެނުން ސަލާމް (ވޯޓަރ ސެލިއުޓް) އެއް ދީފައިވެއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ އިސްވެރިންގެ އިތުރުން ފަރާތުން ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް ރަހްމާ އަބްދުލްރަޙްމާން ރަހްމާ އަބްދުލްރަޙްމާން އަލް ޝަމްސީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ހިސް އެކްސެލެންސީ މުޙައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މާފަރު އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ޤާއިމުކޮށްފައެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހިގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-300 މަރުކައިގެ ފްލައިޓް ޖެއްސޭގޮތަށް މިހާރު މިވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ، ރަންވޭގެ އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސްވަނީ ކުރިއަށްގެންގޮސްފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަނީ ދިވެހި ސަރުކާރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަނުންނެވެ. އައިލެންޑް އޭވިއޭޝަނުން މި އެއަރޕޯޓު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕެސެންޖަރ ޓަރމިނަލްގެ ޚިދުމަތްތައް ފުޅާކުރުމާއި، ސީޕްލޭން ހަބެއް ޤާއިމްކުރުމާއި، ފިއުލް ފާމްގެ ކެޕޭސިޓީ އިތުރުކުރުމާއި، ޑައިރެކްޓް ޕެސެންޖަރ ފްލައިޓް އޮޕަރޭޝަން ފެއްޓުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ނ. އަތޮޅަކީ ރާއްޖޭގައި ހައިއެންޑް ރިސޯޓްތައް އެންމެ ގިނަ އަދަދަކަށް ހިންގާ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެގޮތުން މި އަތޮޅުގައި މިހާރުވެސް 8 ރިސޯޓް ހިންގަމުން އަންނައިރު، 14 ގެސްޓްހައުސް ހިންގަމުން އާދެއެވެ. މި މަޝްރޫޢުވެގެން މިދަނީ މުޅި އަތޮޅާ ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭ ފަސޭހައިގެ އިތުރުން، އިގްތިޞާދީގޮތުން ސަރަޙައްދަށް ބޮޑެތި ކުރިއެރުންތައް ގެންނާނެ މުހިންމު މަޝްރޫޢުއަކަށެވެ.