އިބަމަގެ މަސައްކަތްތަކާ ގުޅޭގޮތުން ހިއްސާދާރު މުއައްސަސާތަކުގެ އިސް މުވައްޒަފުންނަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން
އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ މަސައްކަތްތަކާ ގުޅޭގޮތުން އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ އިސް މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މި ވުޒާރާގެ ފަރާތުން ފަށައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ޞިއްޙީ ވުޒާރާގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ މުވައްޒަފުންނަށް އިބަމައާ ގުޅޭ މަޢުލޫމާތު މިއަދު ހިއްސާކޮށްފިއެވެ.
އިބަމައާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް މި ވުޒާރާގެ ފަރާތުން ޞިއްޙީ ވުޒާރާގައި ކުރިއަށް ގެންދިޔަ ސެޝަންގައި ވަޒީރު ޢަބްދުﷲ ނާޡިމް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ސެޝަންގައި އިބަމަ އަކީ ކޮބައިކަމާއި، އިބަމައިން ކުރަމުން ގެންދާ މަސައްކަތްތަކާއި، ރާއްޖޭގެ ރަށްރަށުގައި އިބަމަ ޤާއިމުކުރުމަށްޓަކައި ޔުނިސެފްއާއި ހިއްސާދާރު އެހެން މުއައްސަސާތައް ގުޅިގެން މި ވުޒާރާއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައި ހުރި ކަންކަމާއި އަދި އިބަމައިގެ ސަބަބުން މިހާތަނަށް ހާސިލްކުރެވިފައިވާ ކާމިޔާބު ބައެއް ނަތީޖާތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.