logo
banner image

މަޢުލޫމާތު: ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު - 3-46 ވަނަ މާއްދާ

45-3. ޕްރޮކިއުމަންޓް އެޕީލް ބޯޑު

(ހ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ހުޅުވާލެވޭ ބީލަންތައް ކުރިއަށް ގެންދިއުމުގައި މި ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބީލަންވެރިޔަކަށް ޤަބޫލުކުރެވިއްޖެނަމަ، އެފަދަ މައްސަލަތައް ބެލުމަށްޓަކައި މިނިސްޓަރުގެ ލަފާގެމަތިން، ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ނަމުގައި 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އޮންނަންވާނެއެވެ. މި ބޯޑަށް މެންބަރުން ޢައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ޢައްޔަންކުރާ މެންބަރުންވާންވާނީ ފައިނޭންސް ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީ، ނުވަތަ ޤާނޫނީ ދާއިރާ ނުވަތަ ކޮމަރސްފަދަ ޕްރޮފެޝަނަލް ދާއިރާއަކުން މަތީ ތަޢުލީމު ލިބިފައިވުމާއެކު އެފަދަ ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅޭނީ ބީލަމުގެ މަރުޙަލާ ފެށޭ ހިސާބުން ފެށިގެން އެ ބީލަމެއް އެވޯޑްކޮށް އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމައަށް ހިނގާފައިވާ ކަންކަމެވެ.

(ރ) ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ މެންބަރުންގެ ދައުރާއި، މެންބަރުން އިސްތިޢުފާދިނުމާއި ވަކިކުރުމާގުޅޭ ކަންކަމާއި، އެ ބޯޑު ހިންގުމާގުޅޭ އުސޫލުތަކާއި އެ ބޯޑުގެ ޖަލްސާތަކާއި ނިންމުންތައް ނިންމުމާގުޅޭ އެންމެހައި އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.