logo
banner image

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި ބައްދަލުކުރައްވައިފި

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި ބައްދަލުކުރައްވައިފިއެެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ކަންކަމުގައި ދެއްވާ އަހައްމިއްޔަތާއި އިސްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ސަފީރަށާއި އެމްބަސީގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އައު ސަފީރުގެ ޒަޢާމަތުގައި މި ގުޅުން އިތުރަށް ބަދަހިކޮށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވަޒީރު ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދެވުމަށް ސަޢުދީ ސަރުކާރުންނާއި އެމްބަސީން ވެދެއްވި އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ވަޒީރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި ވުޒާރާގެ މެންޑޭޓާއި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ސަފީރަށް ދެއްވާފައެވެ.