ނިމިދިޔަ ޖޫން މަހުގައި ބަންޑާރަނައިބުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ އަދާހަމަ
ބަންޑާރަނައިބުގެ އޮފީހުން ކުރަމުން ގެންދާ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ޙިއްޞާކުރުމުގެ ގޮތުން، ކޮންމެ ހަފްތާއަކުވެސް ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތަކުގެ އަދާހަމަ ޢަދަދުތައް، މިދިޔަ އެޕްރީލް މަހުން ފެށިގެން ބަންޑާރަނައިބުގެ އޮފީހުގެ މީސްމީޑިއާ އެކައުންޓުތައް މެދުވެރިކޮށް މިދަނީ ހާމަކުރަމުންނެވެ.
މިގޮތުން، ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ބަންޑާރަނައިބު އޮފީހުގެ ފަރާތުން ވަނީ 7 މައްސަލައެއް ކޯޓަށް ހުށަހަޅުއްވައި، 147 ކޯޓު އަޑުއެހުމެއްގައި ބައިވެރިވެފައެވެ.
އަދި ބަންޑާރަނައިބުގެ އޮފީހުން ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޤާނޫނީ ލަފާ ފޯރުކޮށްދެވުނު ޢަދަދަށް ބަލާއިރު، 82 މައްސަލައަކަށް ޤާނޫނީ ލަފާ ފޯރުކޮށްދެވިފައިވާ ކަމަށް މި އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސަރުކާރާއި ދައުލަތަށް ޤާނޫނީ ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތައް ބަލައި އެ ގަވާއިދުތަކަށް ޢަމަލުކުރަންފެށުމާއިބެހޭ ގޮތުން ޤާނޫނީ ލަފާދިނުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުގެ ކުރިން ޤާނޫނީ ލަފާ ދިނުމުގެ އެންމެހައި މަސައްކަތްތަކަކީ ބަންޑާރަނައިބުގެ އޮފީހުގެ ލީގަލް އެފެއާޒް ޑިވިޜަންއިން ކުރަމުން ގެންދާ މަސައްކަތެވެ.
މީގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުގެ ލީގަލް އެއިޑްގެ މަސައްކަތްތަކަށް ބަލާލާއިރު، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް 22 ފަރާތަކަށް، މި އޮފީހުގެ ފަރާތުން ނިމިދިޔަ ޖޫން މަހުގެ ތެރޭގައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ބަންޑާރަނައިބު އޮފީހަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ބަންޑާރަނައިބުގެ އޮފީހުން ކުރަމުން ގެންދާ މަސައްކަތެކެވެ.