logo
banner image

ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ އުނދަގޫ މަރުޙަލާ، ޕައިލިންގ މަސައްކަތް ކާމިޔާބުކަމާއެކު ނިމިއްޖެ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވުނު ޕައިލިންގ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިކަމާއެކު، މުޅި މަޝްރޫޢުގެ 60.84 އިންސައްތަ ނިމިފައިވާ ކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މި މަސައްކަތް ނިމިފައިވާކަން މިނިސްޓަރ ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ 68 ތަނަކުން ޖުމްލަ 263 ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެތެރޭގައި އެއްގަމާއި ކަނޑު ސަރަޙައްދުތަކުގައި ޖެހި ޕައިލްތައް ހިމެނެއެވެ.

ޕައިލިންގ މަސައްކަތަކީ ބްރިޖްގެ ބިންގާ އެޅުމުގެ މަސައްކަތް ކަމަށްވާއިރު، މިއީ މަޝްރޫޢުގެ އެންމެ މުހިންމު އަދި އެންމެ ގޮންޖެހުން ބޮޑު މަރުޙަލާކަމަށް ފާހަގަކުރެވެއެވެ. މި މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ބްރިޖް މަޝްރޫޢުގެ މަސައްކަތް އިތުރަށް ބާރު މިނުގައި ކުރިއަށް ގެންދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ވާއިރު، މި ބްރިޖު ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.