logo
banner image
ޚާރިޖީ ވުޒާރާ

‎އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މަރކޯ ރޫބިއޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

‎އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެކެވެ. އެހެންކަމުން، އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތްތާނގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

‎މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި އެމެރިކާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު ‎މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."