އެމް.އެން.އެސް.ޑީ.އޭ އިން ނޭޝަނަލް އެސެސަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ފަރާތުން "ނޭޝަނަލް އެސެސަރ ޓްރެއިނިންގ"ގެ ނަމުގައި ދެ ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެއެވެ.
މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ ޕްރޮޖެކްޓް)ގެ އެއްބާރުލުމާއެކު އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 6 ފެސިލިޓޭޓަރުންނާއި 23 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިން ބިނާކުރުމަށް އަމާޒުކޮށް ހިންގާ ޤައުމީ ފެންވަރުގެ އެސެސްމަންޓުތައް ކުރިއަށްގެންދިޔުމަށް ނޭޝަނަލް އެސެސަރުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮއްދިނުމެވެ.
މި ވޯކްޝޮޕްގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރެއްވި ބޭފުޅުންނާއި ސެޓްފިކޭޓް ޙަވާލުކުރައްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބޭހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އަޙްމަދު ޝަފީއުއެވެ.