logo
banner image

މެރިން އިންޑަސްޓްރީ ފޯރަމް 2025: ކަނޑު ދަތުރުފަތުރުގެ ގަވާއިދުތަކާއި RTL ފެރީގެ މަޢުލޫމާތު

     މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް 2025 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ބައިވެރިވެ، ކަނޑު ދަތުރުފަތުރާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (RTL) ފެރީގެ ޚިދުމަތާ ގުޅޭ ތަފްސީލީ ވޯކްޝޮޕްއެއް ވަނީ ބާއްވާފައެވެ. މެރިން ދާއިރާގެ ކުރިއެރުމަށް އަމާޒުކޮށް ކުރިއަށް ދިޔަ މި ފޯރަމްގައި، މިނިސްޓްރީގެ ބޭފުޅުން ވަނީ ޕެނަލް ޑިސްކަޝަންތަކުގައިވެސް ބައިވެރިވެފައެވެ.

      މި ވޯކްޝޮޕްގައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމުގައި ބަލާ ކަންކަމާއި، ބޭރު މީހުންގެ ނަމުގައި ރަޖިސްޓަރީ ކުރެވޭ އުޅަނދުފަހަރާއި އަދި ލޯކަލް އިންވެސްޓްމަންޓްގެ ނަމުގައި އުޅަނދުފަހަރު ރަޖިސްޓަރީ ކުރާނަމަ އަމަލު ކުރަންވާ ގޮތުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ޔޮޓުތަކާއި ކްރޫޒް ޝިޕްސް އޮޕަރޭޓް ކުރުމަށް ހުއްދަ ދިނުމުގައި ބަލާ ކަންކަންވެސް ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. ހަމަ އެހެންމެ، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހޯދުމަށްޓަކައި އުޅަނދުފަހަރުގެ ވެރިން ކުރަންޖެހޭ ކަންކަމާއި، އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ ތަކެއްޗާއި ކަންކަން ތަފްސީލީ ގޮތެއްގައި ބަލާލެވި މަޢުލޫމާތު ދެވުނެވެ.

     ވޯކްޝޮޕްގެ އެންމެ މުހިންމު އެއްބަޔަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (RTL) ފެރީއާ ގުޅޭ ތަފްސީލްތައް ބައިވެރިންނަށް ހިއްސާކުރުމެވެ. މި ބައިގައި ފެރީ ގިމަތަކުގެ މަޢުލޫމާތު ހިއްސާކުރުމުން، ބައިވެރިންގެ ފަރާތުންވެސް ވަނީ ފެރީ ގިމަތަ ހެދުމުގައި އިތުރަށް ކުރެވިދާނެ ކަންކަން ހުށަހަޅާފައެވެ.

     މި ފޯރަމްގެ ތެރޭގައި ބޭއްވުނު ޕެނަލް ޑިސްކަޝަންތަކުގައި މެރިޓައިމް އިންޑަސްޓްރީގައި ހުރި ދަތިތަކާއި އަދި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ސްޓޭކް ހޯލްޑަރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގައި ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެކަންކަން ބަޔާންކޮށް ހިޔާލު ހުށަހަޅާ ކަންކަން އަވަހަށް ކުރިޔަށް ގެންދިއުމަށް ބާރުއަޅާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި 2 މިލިއަން ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއައުމަށް މިސްރާބު ހިފާފައިވާއިރު، ރާއްޖޭގެ ބަނދަރު ތަރައްޤީކޮށް މުދާ ފަސޭހަކަމާއެކު އެންޑް ޔޫޒާއަށް ފޯރުކޮށްދިނުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ގެނުވައި ރާއްޖޭގެ ތަރައްޤީ އިތުރަށް ކުރިއަރައިގެންގޮސް އިޤްތިސާދަށް އާރޯކަން އަންނާނެކަމެއްކަން ވަނީ ބައިވެރިން ފާހަގަކޮށްފައެވެ.

     މި ފޯރަމްގައި މެރިން އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި ކަމާގުޅޭ މުއައްސަސާތަކުން ބައިވެރިވެ ވަނީ މުހިންމު މަޢުލޫމާތު ހިއްސާކޮށްފައެވެ. ކޮންމެ އަހަރަކު އެއްފަހަރު މި ބާއްވާ އެކްސްޕޯގެ ސަބަބުން މި ސިނާއަތް ތަރައްޤީވެ ދިވެހިރާއްޖެއަށް ކުރިއެރުން އައުމަކީ މި ބައްދަލުވުން ބޭއްވުމުގެ އެންމެ މުހިންމު ބޭނުންކަން ކަމަށް މި ފޯރަމް އިންތިޒާމް ކުރި"މީޑިއަމް" ގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.