މިނިސްޓަރ އަމީން ތުރުކީގައި ކުރިއަށްދާ ގްލޯބަލް ޓްރާންސްޕޯޓް ފޯރަމްގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފި
ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި 2025 ޖޫން 27 އިން 29 އަށް ކުރިއަށްދާ "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025" ގައި، މިނިސްޓަރ އަމީން ވަނީ "މެރިޓައިމް ކަނެކްޓިވިޓީ ފޯރ އައިލެންޑް އެންޑް ކޯސްޓަލް ނޭޝަންސް: ޝެއަރޑް އޮޕަޗުނިޓީސް، ޑިސްޓިންކްޓް ޗެލެންޖަސް" މި ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓަރ މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި މުހިންމު ދާއިރާތަކުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ދަތުރުފުޅެކެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްޤީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށެވެ. މީގެ އިތުރުން، މި ފޯރަމްގައި ޚާއްޞަ ސަމާލުކަމެއް ދެވޭނީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ރަނގަޅަށް ތަރައްޤީކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ފޫބެއްދުމާއި، އަދި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އިފްތިތާޙްކޮށްދެއްވި މި ފޯރަމްގައި މިނިސްޓަރ އަމީން ބައިވެރިވެވަޑައިގެންނެވި ސެޝަނަކީ އެކި ޤައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، ޢަމަލީ ޙަޤީޤަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންޞައެކެވެ.
މި ސެޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވަނީ ދިވެހިރާއްޖޭގެ ބިންފުޅާކަން ނެތުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، 180 އަށްވުރެ ގިނަ ރަށުގައި މީހުން ދިރިއުޅޭ ރާއްޖެއަށް ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، ރާއްޖޭގެ އެންމެ ކުދި ރަށްތަކަށްވެސް ފަސޭހައިން ޚިދުމަތްދެވޭނެ ގޮތަކަށް ފެރީ ނެޓްވޯކްތަކާއި، ރަނގަޅަށް ހެދިފައިވާ ބަނދަރުތަކާއި، ޑިޖިޓަލް ޝެޑިއުލިންގ ސިސްޓަމްތަކެއް ތަރައްޤީކޮށް، ރަށްރަށު ދެމެދުގައި ގުޅުން ޤާއިމުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ބްލޫ އިކޮނޮމީގެ މުހިއްމުކަން ފާހަގަކުރައްވައި ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަން ފުޅާކުރުމާއި، މާލެ ސަރަޙައްދުން ބޭރުގައިވެސް މެރިން ޓޫރިޒަމް ކުރިއެރުވުމާއި، ރަށްރަށު ދެމެދުގެ ލޮޖިސްޓިކްސް އަދި ކަނޑުގެ ހަކަތަ ފަދަ ޚިދުމަތްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ކަނޑުމަގުގެ ގުޅުން ރަނގަޅުކޮށްގެން، ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަކަށް މި ދާއިރާތަކުގެ ފުރިހަމަ ފައިދާ ނެގިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރަޙައްދީ އެއްބާރުލުމުގެ މުހިއްމުކަމަށް ބާރުއަޅުއްވައި މިނިސްޓަރ ވިދާޅުވީ، ކަނޑުގެ ސަލާމަތީ މިންގަނޑުތައް ހަމަޖެއްސުމާއި، ކާރިސާތަކަށް ތައްޔާރުވުން އިތުރުކުރުމާއި، ބަނދަރުތަކާއި ފެރީތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދިނުމަށްޓަކައި ސާކް، އައި.އޯ.އާރް.އޭ، ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. މިނިސްޓަރ ވަނީ ރަށްރަށާއި އައްސޭރިފަށުގެ ޤައުމުތަކުގެ މެދުގައި ދެފުށް ފެންނަ ގޮތެއްގައި ގުޅުން ބަދަހިކޮށް، އެހީތެރިވެދޭނެ އެހެނިހެން ޕާޓްނަރޝިޕްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.
މިނިސްޓަރ އަމީން ވަނީ މާލީ އެހީތެރިކަން، ޚާއްޞަކޮށް ހިލޭ އެހީގެ ފައިސާ އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ސަލަމާތްތެރިވާނެ ކަންކަމަށް އިންވެސްޓްކުރުން މިހާރުވެސް ބޭނުންތެރިކަމަށް ފާހަގަކުރައްވާފައެވެ. އަދި، ޓެކްނޮލޮޖީއާއި، ހުނަރުތައް ދަސްކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުންވެސް އެހާމެ މުހިންމުކަމަށް ވިދާޅުވިއެވެ. ނަމަވެސް އެންމެ މުހިންމުކަމަކީ، ދުނިޔޭގެ މުޖުތަމަޢުން ރަށްރަށުގެ ޤައުމުތަކަށް ކަނޑުމަގުގެ ގުޅުމަކީ ހަމައެކަނި ދަތުރުފަތުރުގެ މައްސަލައެއްގެ ގޮތުގައި ނުދެކެ، ތަރައްޤީއާއި މޫސުމީ މައްސަލައެއްގެ ގޮތުގައި ދެކެންޖެހޭ ކަމުގައި މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.