މިނިސްޓަރ އަމީން ސީފެއަރަރސް ދުވަހުގެ ތަހުނިޔާ ކަނޑުދަތުރުވެރިންނަށް އަރިސްކުރައްވައިފި
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 25 ވަނަ ދުވަސް، އިންޓަރނޭޝަނަލް މެރިޓައިމް އޯރގަނައިޒޭޝަން (އައި.އެމް.އޯ) އިން "ޑޭ އޮފް ދަ ސީފެއަރަރސް" ނުވަތަ "ސީފެއަރަރސް ދުވަސް" ގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މި ޚާއްސަ ދުވަހުގެ ތަހުނިޔާ، އުޅަނދުފަހަރުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް މިނިސްޓަރ އަމީން އަރިސްކުރައްވައިފިއެވެ. މި ދުވަހުގެ ތަހުނިޔާގައި، ކަނޑުއުޅަނދުފަހަރުގައި މަސައްކަތްކޮށް ރިޓަޔަރ ކުރައްވާފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.
މި އަހަރުގެ ސީފެއަރަރސް ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "މައި ހެރަސްމެންޓް ފްރީ ޝިޕް" ނުވަތަ "ފުރައްސާރައިން އެއްކިބާވެފައިވާ އަހަރެންގެ އުޅަނދު" އެވެ. މި ޝިޢާރަކީ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ވަރަށް ބޭނުންތެރި އަދި ލަނޑުދަނޑިއެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ޝިޢާރެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސީމަނުންނަކީ ދުނިޔޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާ ބަޔެކެވެ. އެގޮތުން، ކާބޯތަކެއްޗާއި، ޢިމާރާތްކުރަން ބޭނުންކުރާ ސާމާނާއި، ތެލާއި، ކައްކާ ގޭހާއި، އަދި މި ނޫނަސް މުހިންމު އެތައް ބާވަތްތަކެއް އެއް ޤައުމުން އަނެއް ޤައުމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ކަނޑުމަގުން އުފުލާދޭ ބުރަ މަސައްކަތް ރެޔާ ދުވާލު ބޮޑެތި ތޫފާންތަކުގެ ނުރައްކާތެރިކަމުގެ ތެރޭގައި ވެސް ކުރަމުން ގެންދެއެވެ. ކޮވިޑް-19 ގެ ދުވަސްވަރު ވެސް ސީމަނުން ވަނީ ޤައުމުތައް ބަނޑަށްޖެހުނަނުދީ އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައެވެ.
ކަނޑުދަތުރުފަތުރުތުރުގެ ދާއިރާއަކީ ވަރަށް ޚާއްޞަ ފަންނެކެވެ. މިއީ ވަރަށް ބޮޑު ހިތްވަރަކާއި، ހުނަރަކާއި އަދި ކެތްތެރިކަމެއް ބޭނުންވާ ދާއިރާއެކެވެ. ކަނޑުދަތުރުވެރިން އެމީހުންގެ ޢާއިލާތަކާއި ގެދޮރާ ދުރުގައި އެތައް މަސްތަކެއް ހޭދަކުރާއިރު، އެމީހުން ކުރިމަތިލާންޖެހެނީ ކަނޑުދަތުރުފަތުރުގެ އޮޕަރޭޝަންތަކުގެ ބުރަ މަސައްކަތްތަކާ އެކަހެރި އަދި ބަންދު މާޙައުލެއްގައެވެ. ވުމާއެކު އެކުވެރި އަދި އެހީތެރިކަމާއި އަޅާލުން ލިބޭ މަސައްކަތުގެ މާޙައުލެއްގެ މުހިންމުކަން ބަޔާންކޮށް ނުދެވޭހާ ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ތަހުނިޔާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ފުރައްސާރަކުރުން، އެއީ ކޮންމެ ބާވަތެއްގެ ފުރައްސާރައެއް ކަމުގައިވިޔަސް – އަނގަބަހުން ކުރާ ފުރައްސާރަ، ޖިސްމާނީ ފުރައްސާރަ، ނަފްސާނީ ފުރައްސާރަ، ނުވަތަ ޖިންސީ ފުރައްސާރަ – މިއިން ކޮންމެ ކަމަކުން ވެސް ހިތްވަރު ގެއްލި، ރައްކާތެރިކަމަށް ނުރައްކާވެ، އަދި ފަރުދުންނަށް ދެމިގެންދާ ގެއްލުން ލިބެއެވެ. މިއީ އިންސާނީ ކަރާމާތަށް ކުރެވޭ ފުރައްސާރައަކަށް ވުމުގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ޕްރޮފެޝަނަލިޒަމްގެ އަސްލަށް ކުރިމަތިވާ ނުރައްކަލެކެވެ.
ފުރައްސާރައިން އެއްކިބާވެފައިވާ އުޅަނދެއް ޔަޤީން ކުރުމަކީ ހަމައެކަނި އަޚްލާޤީ ގޮތުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ މަސައްކަތް ހިންގުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަން މިނިސްޓަރގެ ތަހުނިޔާގައި ބަޔާންކުރައްވާފައިވެއެވެ. ކަނޑުދަތުރުވެރިން އިޙްސާސްކުރަނީ ރައްކާތެރިކަމާއި، އިޙްތިރާމާއި އަދި އަގުވަޒަންކުރެވޭ ކަމުގައިވާނަމަ، އެމީހުންގެ އުފެއްދުންތެރިކަން އިތުރުވެ، ސަމާލުކަން ބޮޑުވެ، އަދި އެމީހުންގެ މަސައްކަތުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރަނގަޅަށް ތައްޔާރުވެފައި ތިބޭނެއެވެ. އިޙްތިރާމްގެ ސަޤާފަތަކުން ޓީމްވޯކް އުފެދި، މުޢާމަލާތްކުރުން ރަނގަޅުވެ، މިކަމުގެ ސަބަބުން ދަތުރުތައް އިތުރަށް ރައްކާތެރިވެ އަދި މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެއެވެ.
" ފުރައްސާރައިން އެއްކިބާވެފައިވާ އުޅަނދެއް" ގެ ޝިޢާރަކީ ހަމައެކަނި އަޅުގަނޑުމެންގެ ކަނޑުދަތުރުވެރިންނަށް އަމާޒުކުރެވިފައިވާ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ މުޅި ކަނޑުދަތުރުފަތުރުގެ ޞިނާޢަތަށް އަމާޒުކުރެވިފައިވާ ގޮވާލުމެކެވެ. ކުންފުނިތަކާއި، ބަނދަރުތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި އަދި މެރިޓައިމް އޮތޯރިޓީތަކުން މި މަސައްކަތުގައި އިސް ދައުރެއް އަދާކުރަންޖެހެއެވެ. ހަރުދަނާ ސިޔާސަތުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ރިޕޯޓުކުރުމުގެ ނިޒާމުތަކާއި އަދި އަވަސް އަދި އިންސާފުވެރި ފިޔަވަޅު އެޅުމުގެ ނިޒާމުތައް ޤާއިމުކުރުމަކީ މުހިންމު ކަމެކެވެ.
މީގެ އިތުރުން، އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްގަމަށް ފޭބުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެފަރާތްތަކަށް ދޭންޖެހޭ ސިއްޙީ ފަރުވާއާއި އެގްރީމެންޓާ އެއްގޮތަށް ޢަމަލުކުރުމަކީ އުޅަނދުފަހަރުގެ ވެރިފަރާތުން ކޮށްދޭންޖެހޭ ކަންތައްތަކެއް ކަމަށެވެ. ވުމާއެކު މި ކަންތައްތަކަށް ސަމާލުކަން ދެއްވައި ސީމަނުންގެ ޙައްގުތަށް ކަށަވަރުކޮށްދިނުމަށް އުޅަނދުފަހަރުގެ ވެރީންނާއި އޮޕަރޭޓަރުންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރގެ ތަހުނިޔާ ނިންމަވާލައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ އިޚްލާސްތެރި ދުޢާ އަކީ މިލޮބުވެތި ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅުތަކުގައި الله ސުބުޙާނަހޫ ވަތަޢާލާގެ މަދަދާއި ބަރަކާތްލެއްވުން ކަމަށާއި، ދިވެހި ޤައުމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރެއްވުން ކަމަށެވެ.