އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޑީއެސްސީން ހޯދައިފި
"މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކަޕް 2025"ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)އިން ހޯދައިފިއެވެ.
ޑީއެސްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ވާދަވެރި އެޗްޑީސީއާ ވާދަކޮށް، 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްސީގެ ޖާޒީ ނަންބަރު 6، ސްޓާފް ސާޖަންޓް ޙުސައިން ޝާޙިދެވެ.
މި މުބާރާތުގެ އިންޑިވިޖުއަލް ވަނަތައް ވެސް ޑީއެސްސީގެ ކުޅުންތެރިން ވަނީ ހޯދާފައެވެ. އެގޮތުން، މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރގެ އެވޯޑް ހޯދާފައިވަނީ ޑީއެސްސީގެ ޖާޒީ ނަންބަރު 14، ސްޓާފް ސާޖަންޓް އާދަމް ނަސީމެވެ. ބެސްޓް ސެޓަރ އަދި މުބާރާތުގެ މޯސްޓް ވެލިޔުބަލް ޕްލެޔަރގެ އެވޯޑް ޑީއެސްސީގެ ޖާޒީ ނަންބަރު 6، ސްޓާފް ސާޖަންޓް ޙުސައިން ޝާޙިދު ހޯދި އިރު، ބެސްޓް މިޑްލް ބްލޮކަރގެ އެވޯޑް ހޯދީ ޑީއެސްސީގެ ޖާޒީ ނަންބަރު 13، އާދަމް ފައިރޫޒެވެ. މުބާރާތުގެ މޯސްޓް ވެލިޔުބަލް ފޮރެން ޕްލެޔަރ އެވޯޑް ހޯދީ ޑީއެސްސީގެ ޖާޒީ ނަންބަރު 4، ލުއިޒް ފެލީޕޭ ފެރޭރާ ޕެރޮޓޯއެވެ. އަދި، މޯސްޓް ވެލިޔުބަލް ކޯޗުގެ އެވޯޑް ހޯދީ ޑީއެސްސީގެ ހެޑްކޯޗް، ސްޓާފް ސާޖަންޓް ޖުނައިދު ޢަބްދުﷲ އެވެ.
8 ޓީމަކުން ވާދަކުރި މި މުބާރާތުގެ ގްރޫޕް ސްޓޭޖު ވެސް ޑީއެސްސީން ނިންމާލީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އޮވެއެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް 7 ޕޮއިންޓު ހޯދައިގެންނެވެ. ޑީއެސްސީން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ހުރާ ކޮމިޔުނިޓީ ކުލަބާ ބައްދަލުކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.