logo
banner image

އިސްލާމީ މަރުކަޒުތަކުގައި ޤާއިމްކުރާ ލައިބްރަރީތަކަށް ބޭރު ޔުނިވާސިޓީއަކުން 60 ހާސް ފޮތް ހަދިޔާކުރަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވަރސިޓީއަކުން ހަދިޔާކުރާން ނިންމައިފިއެވެ.

މި ކަމާ ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި އުނގޫފާރު އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި ތިނަދޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި އައްޑޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާގެ އިތުރަށް އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ލިބޭ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. ހިލޭ މި ލިބޭ ފޮތްތަކުގެ ޢަދަދު 60 ހާހަށް އަރާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މީގެ ތެރެއިން މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ކުތުބުޚާނާ ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ކުތުބުޚާނާ ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގައި ޤާއިމުކުރެވޭ އިސްލާމީ ކުތުބުޚާނާ ސަލްމާނު މިސްކިތުގައި ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.