ށ. އަތޮޅު ކައުންސިލާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ހިންގި ދީނީ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް!
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ށ. އަތޮޅު ކައުންސިލް ގުޅިގެން ށ. އަތޮޅުގެ ރަށްތަކުގައި ހިންގި ދީނީ ޙަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ޕްރޮގުރާމުތައް ކުރިއަށް ގެންގޮސްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡު އައްޝައިޚް އާޒިމް ޚާލިދެވެ. ދީނީ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް އައްޝައިޚް އާޒިމް ޚާލިދު ވަޑައިގަތުމުން އެ އަތޮޅުގެ ރަށްތަކުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުގައި ޝައިޚް އާޒިމް ވަނީ ށ. މާއުނގޫދޫއާއި ކޮމަންޑޫއާއި ފޭދޫއާއި ނޫމަރާއާއި ކަނޑިތީމާއި ފޯކައިދޫއާއި ފީވަކާއި ނަރުދޫއާއި މިލަންދޫއާއި ޅައިމަގާއި ފުނަދޫގައި ދަރުސްދެއްވައިފައެވެ. މީގެ ތެރެއިން ބައެއް ރަށްތަކުގައި ބޮޑު ދަރުސް ބާއްވައިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ގުޅިގެން ގެންދަވާނީ ގިނަ ހަރަކާތްތަކެއް ހިންގަވަމުންނެވެ.