logo
banner image

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުގެ ޤުރުއާން މުބާރާތް ބާއްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގްނެ އެ ކައުންސިލުގެ ޤުރުއާން މުބާރާތް ބާއްވައިފިއެވެ.

މި މުބާރާތަކީ ފުވައްމުލައް ސިޓީގެ ދަރީންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަތިވެރި މަޤްޞަދުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ބާއްވައިފައި ވަނީ މި ޖޫން މަހުގެ 23އިން 26ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޤުރުއާން ކުލާސްތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވައިލައިގެން ބޭއްވި މިމުބާރާތުގައި، މި އަހަރު ހަތް ސްކޫލާއި ތިން ޤުރުއާން ކްލާހަކާއި ޖަމިއްޔާއަކުން ޖުމްލަ 233 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރަށް މި އަހަރުގެ މުބާރާތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ގޮތްޕެއް ވަނީ ހިމަނައިފައެވެ. މި ގޮފީގައި 28 ދަރިވަރުން ވާދަކޮށްފައިވެއެވެ.

ދެ ގުރޫޕަކަށް ބަހައިލައިގެން ބޭއްވި މި މުބާރާތުގެ ޖޫނިއަރ ގްރޫޕްގައި ހިމެނެނީ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1، 2ގެ ދަރިވަރުންނެވެ. ސީނިއަރ ގްރޫޕްގައި ހިމެނެނީ ސާނަވީ (ކީ ސްޓޭޖް 3، 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ވަކީން ދެ ގްރޫޕެއްގެ ގޮތުގައެވެ.

މިއަހަރުގެ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީއާއި އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރީ އަޒްލީނާ އިބްރާހިމެވެ. މުބާރާތުގެ އިސްފަނޑިޔާރުގެ ގޮތުގައި ފަނޑިޔާރުކަން ކުރެއްވީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީއެވެ.

މި މުބާރަތަކީ ދީނީ ކަންކަމަށް އެހީވާ ފަންޑުގެ އެހީތެރިކަމާ އެކު، ކުރިއަށް ގެންދިޔަ މުބާރާތެކެވެ.