ވަޒީރު ރާފިޢު، ހއ. ވަށަފަރުގެ ވައުދު ޖަމިއްޔާ އާ ބައްދަލުކުރައްވައިފި
ހއ.ވަށަފަރުގެ ވައުދު ޖަމިއްޔާ އާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމަކީ ވައުދު ޖަމިއްޔާއިން ކުޅިވަރުގެ ދާއިރާއިން ކުރިއަށްގެންދާ ހަރަކާތްތަކާއި، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްދިޔަ ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުވުމުގައި ވައުދު ޖަމިއްޔާއިން ވަނީ ވަށަފަރުގެ ކުޅިވަރުގެ ހާލަތު ހިއްސާކުރައްވާ، އެ ރަށުގެ ކުޅިވަރު ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ވައުދު ޖަމިއްޔާއިން ކުޅިވަރާއި ހަށިހެޔޮކަމާ ގުޅޭ ދާއިރާއިން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ހަރަކާތްތައް ހިއްސާކުރައްވާ މި ހަރަކާތްތަކަށް ހުރި ދަތިތައް ހިއްސާކުރެއްވިއެވެ. މިގޮތުން އެ ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކަށް ބޭނުންވާ މަރާމާތުތަކާއި ގުޅޭކަންކަން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ވަށަފަރުގެ ކުޅިވަރު ހާލަތު ރަނގަޅު ކުރުމާއި، ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި އަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.