logo
banner image

ސިނޯޝުއަރގެ އިސްވެރިންނާ މާލީ ވަޒީރު ބައްދަލުކުރައްވައިފި

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ބޯޑް އޮފް ގަވަރނަރސްގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ބެއިޖިންގގައި ހުންނެވި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، މިއަދު ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން (ސިނޯޝުއަރ)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ 24 އިން 26 ޖޫން 2025 އަށް ބޭއްވޭ އޭއައިއައިބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ވަޒީރުގެ ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

ސިނޯޝުއަރގެ ވަފުދުގައި ހިމެނިވަޑައިގަތީ ރައީސް ޝެންގ ހެޓައި، ޕްރޮޖެކްޓް އިންޝުއަރެންސް ޕޯސްޓް-އަންޑަރައިޓިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ވަންގ ޒޫ، ޕްރޮޖެކްޓް އިންޝުއަރެންސް އަންޑަރައިޓިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ލީ ޒިބޯ، އަދި ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކްލައިންޓް ސަރވިސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ވަންގ ޔާންއެވެ.

މިނިސްޓަރާއެކު ވަޑައިގެންނެވީ ޗައިނާއަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޟީލް ނަޖީބު، ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދު، އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ފަރާތަށް ހެޔޮ އެދުންތައް ފޮނުއްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޕާޓްނަރޝިޕް ދެމެހެއްޓުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޑޮކްޓަރ މުޢިއްޒުގެ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވާސިލުވި އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، މަތީ ފެންވަރުގެ ދެ ފަރާތުގެ ގުޅުން ހަރުދަނާކުރުމަށް އޮތް އަޒުމު އަލުން ކަށަވަރުކޮށްދެއްވިއެވެ.

މީގެ އިތުރުން، ވަޒީރު ޒަމީރު ވަނީ ޗައިނާގެ ބައިވެރިންގެ އެހީތެރިކަމާއެކު އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ރާވާފައިވާ ޕްލޭންތަކުގެ މަޢުލޫމާތު ދެއްވާފައެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލީ އިސްލާޙުތަކުގެ މަޢުލޫމާތު ދެއްވައި، މި އިސްލާޙުތަކުގެ މަޤްޞަދަކީ ދައުލަތުގެ މާލިއްޔަތު ހަރުދަނާކޮށް، ދިގު މުއްދަތަކަށް އިޤްތިޞާދީ ދެމެހެއްޓެނިވިކަން ޔަޤީންކުރުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިޤްތިޞާދީ ދެމެހެއްޓެނިވިކަން އިތުރުކޮށް، ދިވެހި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ދައުލަތުގެ މަޝްރޫޢުތަކުގައި ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކަށް ދެމުންގެންދާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުން ނިމުނީ ދިވެހިރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ކަންތައްތަކަށް އެހީތެރިވުމަށް ދެފަރާތުން އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ.