ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް ދޭން ދިރާސާއެއް ހަދަނީ
ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެއްވުމަށް އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވާ ހުށަހެޅުއްވުމަށް ކަމާގުޅޭ ވަޒީރުންނަށް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި." ރައީސް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި އަދި ހެޔޮ ނަތީޖާ ނެރެވެނޭހެން ކުރިއަށް ގެންދިއުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާއިރު، މިކަމުގެ މައިގަނޑު މަޤްސަދަކީ އަދުގެ ޒުވާންޖީލާއި މުސްތަޤްބަލްގެ ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރިކޮށް، ދިވެހި ރާއްޖެއަކީ ދުންފަތުން މިނިވަން ވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވަރާ، ދިވެހިންނަކީ ދުޅަހެޔޮ އާދަތަކަށް އަހުލުވެރި ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.