މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: ޚާރިޖީ ވަޒީރު
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި މަސްރަހު އިތުރަށް ގޯސްވެ، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރައިފައެވެ.
އެއާއެކު، ވަޒީރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިވަގުތު މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، މިޤައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.
ރޭގެ ވަގުތެއްގައި މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރިނަމަވެސް، މިހާރު ބައެއް ޤައުމުތަކުން ވަނީ ވައިގެ ސަރަޙައްދު އަލުން ހުޅުވައިލަން ފަށައިފައެވެ.
އެއާ އެކު، އެ ސަރަޙައްދުގެ ފްލައިޓް އޮޕަރޭޝަންސް މިހާރު ދަނީ އަލުން ހަމައަކަށް އެޅެމުންނެވެ.