logo
banner image
ތަޢުލީމީ ވުޒާރާ

މަތީ އަރުތަވެރީންގެ އިނާމު ޖަލްސާގެ ފަހު ދަންފަޅި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި

ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ބާއްވާ ޖަލްސާގެ ފަސްވަނަ ދަންފަޅި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަހަރު މި ޖަލްސާ ބާއްވާފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެން، ސޯޝަލް ސެންޓަރުގައެވެ. އެގޮތުން ފަސްވަނަ ދަންފަޅީގައި އިނާމު ޙަވާލުކޮށްދެއްވާފައިވަނީ 2024 ވަނަ އަހަރުގެ މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށާއި، 2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެއްވަނަ އަށް ހޮވުނު ދަރިވަރުންގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ރަންވަނަތައް ހޯދި ދަރިވަރުން ހިމެނޭހެން، ޖުމްލަ 449 ދަރިވަރުންނަށެވެ. މީގެ އިތުރުން ހައި އެޗީވަރސް ސްކޮލަރޝިޕް އާއި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ވެސް ވަނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ މަތީޱޘާނަވީއަށް ކިޔެވުމުގެ މުހިންމުކަން ފާހަގަކުރައްވާ، ވީހާވެސް ގިނަ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށް، ސްކޫލް ނިންމާ މަރުޙަލާއަކީ މަތީ ޘާނަވީކަމުގައި ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

މިއަހަރު މި ޖަލްސާގައި 1800 އެއްހާ ދަރިވަރުން ވަނީ މަތީ އަރުތަވެރީންގެ އިނާމު ޙާޞިލުކޮށްފައެވެ.