logo
banner image

"ޙާޖީ އެމްވީ" ހައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިފުތިތާޙުކޮށްފި

ޙާޖީ އެމްވީ ނަމުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިފުތިތާޙުކޮށްފިއެވެ. މި އެޕް އިފުތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް ޑރ. މޫސާ އަންވަރު ޙަސަންއެވެ.

ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވައިލައިފައިވާ އެޕެކެވެ. މީގެ އިތުރަށް ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރުކުރާނެ ގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރަށް މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯތައް ވެސް ބެލޭން ހުންނާނެއެވެ. މިއީ އެޕްގެ ފުރަތަމަ ވާރޝަންއެވެ. މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. އަދި އެޕަލް އެޕް ސްޓޯއިންވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެއެވެ.

މި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެއެވެ. މި އެޕްގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެކެވެ. މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެއެވެ.