ގއ. ކޮނޑޭގައި ދެވަނަފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
ގއ. ކޮނޑޭގައި ދެވަނަފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމާ ގުޅޭ ގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރާ ކޮނޑޭ ކައުންސިލުން މަޝްވަރާކުރައްވައިފިއެވެ. މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި މި މަޝްވަރާގައި އެ ކަމުގެ ތައްޔާރީތަކާ ބެހޭ ގޮތުން ކޮމިޓީގެ މެންބަރު އަޙްމަދު މުޢާވިޔަތު މަޢުލޫމާތު ދެއްވިއެވެ.
މިއަދު ކުރިއަށް ދިޔަ މި މަޝްވަރާގައި ކޮނޑޭގައި ދެވަނަފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގައި މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ކޮނޑޭ ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި އެ ކަމުގެ މިނިސްޓްރީ ބައިވެރިވުން ދެއްވާނެ ކަމުގެ ޔަޤީންކަން ކައުންސިލްގެ މެންބަރުންނަށް މިނިސްޓަރ ދެއްވިއެވެ.
ކޮނޑޭ ކައުންސިލްގެ މެންބަރުންނާއެކު މިނިސްޓަރ ބޭއްވި މި ބައްދަލުވުމުގައި ކޮނޑޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ކައުންސިލްގެ މެންބަރުން މިނިސްޓަރާ ހިއްސާކުރެއްވިއެވެ. އަދި ލޯކަލް ޓުއަރިޒަމަށް ކޮނޑޭގައި ހުޅުވިފައި ހުރި ފުރުޞަތުތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވެއެވެ.
މިއަދު ބޭއްވި މި ބައްްދަލުވުމުގައި ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓްގެ ގަވަނެންސް އެންޑް މޮނިޓަރިންގ ސެކްޝަންގެ ހެޑް ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހުވަދުއަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ ޠާޙާ ނަޢީމާއި، ގއ. އަތޮޅުގެ ކަންކަން ބެލެހެޢްޓެވުމާއި ޙަވާލުވެހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޠަޤިއްޔު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.