logo
banner image

އަންހެން ކަނބަލުންނަށް ޙާއްސަކޮއްގެން ދޫކުރާ ފަށާމަދަދު ލޯނަކީ ކޮބާ؟

ފަށާ މަދަދު ލޯނަކީ، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި، ވިޔަފާރީގެ އާމްދަނީއާއި ގުޅުންހުރި ލިޔެކިޔުންތައް ރަގަޅަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ނުވަތަ ބޭންކިންގ ނިޒާމުގެ ބޭނުންހިފައި އެނިޒާމުގެ ތެރެއިން އާމްދަނީ ބަލަހައްޓަމުން ނުދިއުމުގެ ސަބަބުން ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުން ލޯނު ހޯދުމުގައި ދަތިތަކާ ކުރިމަތިވާ އަންހެން ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ތައާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

މި ލޯނު އަމާޒު ކުރެވިފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށާއި، ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށެވެ.

މި ސްކީމަކީ 5 ފިޔަވައްސައް ބަހާލާފައިވާ ޖުމްލަ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެއެވެ. މި ލޯން ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

މި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި 7 އަހަރު ދުވަހަށް ބަހާލައިގެން ލޯނު އަނބުރާ ދެއްކޭނެއެވެ.

މި ސްކީމްގެ ސަބަބުން އިންފޯމަލް ސެކްޓަރގައި ވިޔަފާރިކުރާ ފަރާތްތަކަށް ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިގޮތުން ގޭގައި ތިބެގެން އަދި އެކި މަސައްކަތްތައް ކުރާ އަންހެނުން، ރަސްމީކޮށް ވިޔަފާރިއެއް ފެށުމުގެ ފުރުސަތު ލިބި، އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައި، އިޤްތިޞާދީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ފުޅާވެގެންދާނެއެވެ.

ފަށާ މަދަދު ލޯނު ސްކީމަކީ، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްސަ ލޯނު ސްކީމެއް ތަޢާރަފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެލެއްވި ވައުދުފުޅާއި އެއްގޮތަށް އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ލޯން ސްކީމެކެވެ.