ވަޒީރު ރާފިޢު، އޭޝިއަން ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޓީމާ ބައްދަލުކުރައްވައިފި
މިމަހުގެ 18 އިން 22އަށް ތައިލެންޑްގައި އޮންނަ 21 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ 21 އަހަރުން ދަށުގެ ޤައުމީ ވޮލީބޯޅަ ޓީމާ ބައްދަލުކުރަައްވައި އެޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ހިތްވަރުދެއްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކުޅިވަރު ވަޒީރުވަނީ ޓީމެއްގެ ގޮތުގައި ރަނގަޅު ޑިސިޕްލިންއާއެކު މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. މިގޮތުން ވަގުތަށް ފަރުވާތެރިވުމާއި، ކޯޗުންގެ އިރުޝާދާ އެއްގޮތަށް ހުރިހާ ކަމެއް ބައްޓަންކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މި މުބާރާތުގައި ވާދަކުރުާ ގައުމީ ވޮލީބޯޅަ ޓީމަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ޖާޒީ ހަވާލުކޮށްދެއްވައިފައެވެ.
ޤައުމީ ވޮލީބޯޅަ ޓީމްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ޤައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ކުޅިވަރުގެ ރީތި އަހުލާގާއި، ޤައުމީ ރޫހާއިއެކު ކުޅުމަށް، ކުޅުންތެރިންގެ ކިބައިން ވަޒީރު އެދިފައެވެ.