logo
banner image

ދިވެހިރާއްޖޭގެ ޤުދުރަތީ މާޙައުލުގައި ތަފާތު އެކި ބާވަތްތަކުގެ ދޫނިސޫފާސޫފި އުޅެއެވެ. މީގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށް ލެވޭއެއް ބާވަތަކީ ކަނމަތީ ދޫނިތަކެވެ. އޭގެތެރެއިން ކުރަނގި އަކީ ރާއްޖޭގެ މާހައުލުގައި ޚާއްސަ ދޫންޏެކެވެ. ކުރަނގިއަށް ސައިންޓިފިކް ނަމުން ނަމަ ކިޔަނީ އެނޮއަސް ޓެނުއިރޮސްޓްރިސްއެވެ. މި ކަނޑުދޫނި ދިވެހިރާއްޖޭގެ ތިމާވެށީގެ ނިޒާމުގައި އަދާކުރާ ދައުރު ވަރަށް މުހިންމެވެ. އެހެންކަމުން، މި ދޫނީގެ ދިރިއުޅުމާއި އާބާދީއަށް ސަމާލުވުމަކީ ރާއްޖޭގެ ޤުދުރަތީ ވެށި ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކުރަނގިއަކީ ކުޑަ، ކަޅު ކުލައިގެ ކަނޑުމަތީގެ ދޫންޏެކެވެ. މި ދޫނީގެ ހަށިގަނޑު ކުޑަނަމަވެސް ދިގު ފިޔަގަނޑާއިއެކު ވަކިން ޚާއްޞަ ސިފައެއް ގެންގުޅެއެވެ. ބަލާބެލުމަށް ކުރަނގީގެ ބޮލުގައި ހުދު ކުލައިގެ ތޮއްޔިޕެއް އިންނަހެން ހީވާނެއެވެ. ސަބަބަކީ އެދޫނީގެ ގައިގަނޑުގެ ފަތްތަށް ކަޅުކުލައިން ހުރެފައި ބޮލާއިހަމައިގެ ފަތްތައް ކުލަ ފަނޑުވެ އަޅި ހުދުކުލައެއް ހުރުމެވެ.

ކުރަނގި އާންމުކޮށް ފެންނަނީ ހޫނު ސަރަޙައްދު ފަދަ އިންޑިއާ އަދި ޕެސިފިކް ކަނޑުތަކުގައެވެ. ދިވެހިރާއްޖޭގައި މި ދޫނިތައް އާންމުކޮށް ފެންނަނީ ގޮނޑުދޮށާ ކައިރި ގަސްތަކުގައި ހާލި ހަދއިގެން އުޅޭތަނެވެ. ޚާއްޞަކޮށް މީހުން ނޫޅޭ ރަށްރަށުގައި ހުންނަ ޅޮސް އަދި ރުއްގަސްތަކުގައެވެ. މި ދޫނިތައް މި ގަސްތަކަށް ބަރޯސާވަނީ ހިޔާވެހިކަން ހޯދުމަށާއި ބިސްއެޅުމަށެވެ.

ގިނަ ކަނޑު ދޫނިތަކާ ޚިލާފަށް، ކުރަނގި އޭގެ ހާލި ހަދަނީ ގަސްތަކުގައެވެ. މިގޮތުން ގަސްގަހުގެ ފަތްތަކާއި، ކުދި ގޮފިތަކާއި، އަދި ބައެއްފަހަރު މޫދު ވިނަވެސް ބޭނުންކުރެއެވެ. ބިސްއަޅާ މޫސުމުގައި އާންމުކޮށް އެންމެ ގިނަވަނީ މޭ މަހާއި ސެޕްޓެމްބަރު މަހާ ދެމެދުގައެވެ. މިއީ މޫސުމީ ވައިގެ ސަބަބުން މަސް ގިނަވާ ދުވަސްވަރާ ދިމާވާ މޫސުމެވެ. ދޫނި އަޅަނީ އެންމެ ބިހެކެވެ. އަދި ބިސް އާލާކުރުމާއި ކާންދިނުމުގެ ޒިންމާ ފިރިހެން އަދި އަންހެން ދޫނި ހަމަހަމައަށް ބަހާލައިގެން އަދާކުރެއެވެ.

މި ދޫނިތަކަކީ ކަނޑުގެ މަތީފަށަލައިން ކާނާ ހޯދާ ހުނަރުވެރި ދޫނިތަކެކެވެ. މިގޮތުން ކަނޑުގެ މަތީފަށަލައިން ކުދި މަސްތަކާއި ކުދި ކަކުނިތައް ހިފައެވެ. ގިނަފަހަރަށް މި ދޫނިތައް ޝިކާރަ ހޯދަން މަސްތަކާއި ވެލާ ފަހަތުން ދެއެވެ. ސަބަބަކީ ޝިކާރަ ކުރާއިރު ކަނޑުގެ މަތީފަށަލައަށް ގެނެސްދޭތީ ކާނާ ހޯދަން ފަސޭހަވާތީއެވެ. މި ދޫނިތަކުގެ ދަތުރުކުރުމުގެ ހުނަރުވެރިކަމުގެ ސަބަބުން ވަރަށް ފަސޭހައިން ކާނާ ހޯދުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

މިހާރު މިދޫނި އައި.ޔޫ.ސީ.އެން އިން ދަރަޖަކޮށްފައިވަނީ އެންމެ ކުޑަކޮށް ކަންބޮޑުވާންޖެހޭ ބާވަތެއްގެ ގޮތުގައެވެ. ނަމަވެސް މި ދޫނިތަކަށް ނުރައްކާވަނީ ދިރިއުޅޭ ތަންތަން ހަލާކުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި އިންސާނުންގެ ފަރާތުން ލިބޭ އުނދަގޫތަކުންނެވެ. ދިވެހިރާއްޖޭގައި މި ދޫނިތައް ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ބިސްއަޅާ ތަންތަން ރައްކާތެރިކުރުމަށާއި، އިންސާނުންގެ ފަރާތުން ލިބޭ އަނިޔާތައް ކުޑަކުރުމަށެވެ. މި ދޫނިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.