މިނިސްޓަރ ޠާރިޤް އިބްރާހީމް ޔޫ.އެން.އޯ.ސީ 3 ގައި ކަނޑުގެ މުހިންމުކަން ފާހަގަކުރައްވައިފި
މިހާރު ކުރިއަށްދާ އދ. ގެ ތިންވަނަ ކަނޑުތަކާބެހޭ ސަމިޓުގައި (ޔޫ.އެން.އޯ.ސީ 3) ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައި، ކަނޑުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
"ލެވަރޭޖިންގ އޯޝަން، ކްލައިމެޓް އެންޑް ބަޔޯޑައިވަރސިޓީ އިންޓަރލިންކޭޖަސް" ގެ ނަމުގައި ބޭއްވުނު އޯޝަން އެކްޝަން ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކަނޑުގެ ވެށި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
މީގެ އިތުރުން، މިނިސްޓަރ ޠާރިޤް ގޮވާލެއްވީ ބީ.ބީ.އެން.ޖޭ (ބަޔޯޑައިވަރސިޓީ ބިޔޮންޑް ނޭޝަނަލް ޖުރިސްޑިކްޝަން) އެއްބަސްވުމަށް ތަސްދީޤުކޮށް، އަވަހަށް ޢަމަލުކުރަން ފެށުމަށެވެ. މި އެއްބަސްވުމަކީ ކަނޑާއި، ދިރޭތަކެތީގެ ނަސްލާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ޙައްލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ އެއްބަސްވުމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ސަމިޓަކީ ދުނިޔޭގެ ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ހިމާޔަތްކުރުމަށް ބާރުއަޅާ، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓުގައި ދިވެހިރާއްޖެ ބައިވެރިވެ، ކަނޑުތަކުގެ މުހިންމުކަން ފާހަގަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބޭނުންކުރުމަށް ގޮވާލާފައިވާކަން ފާހަގަކުރެވެއެވެ.