އައި.ޔޫ.އެމް އަދި ހެލްތް މިނިސްޓްރީ އިން ސިއްޙީ ދާއިރާއާއި ގުޅޭ ކެމްޕެއިނެއް ބޭއްވުމަށް މަޝްވަރާކޮށްފި
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އަދި ޞިއްޙީ ވުޒާރާގެ ފަރާތުން ވަނީ ޞިއްޙީ ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ކެމްޕެއިނެއް ފެށުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.
މިފަދަ ކެމްޕެއިނެއް އިންތިޒާމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުވުމެވެ. އެގޮތުން، ލޭ ހަދިޔާކުރުން ފަދަ އާންމު ޞިއްޙަތާއި ގުޅުން ހުރި މުހިއްމު މަޢުލުމާތުތައް މި ކެމްޕެއިން މެދުވެރިކޮށް އާންމުންގެ މެދުގައި ޙިއްސާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، އައި.ޔޫ.އެމްގެ އިތުރުން އެފަދަ މަތީ ތަޢުލީމު ފޯރުކޮއްދޭ އެހެނިހެން މަރުކަޒުތަށް މެދުވެރިވެ، މި ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި، ޞިއްޙީ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ،ޑރ.ޢަލީ ޒާހިރު، ޑީން އޮފް ސްޓޫޑަންޓްސް، ޢަބްދުލް ހަފީޒް ޚާލިދް އަދި ޕްރެޒިޑެންޓް އޮފް ސްޓޫޑަންޓް ޔޫނިއަން، ހުސައިން އަރުބާން ފަވާޒް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.