ފަށާ މަދަދު ލޯން ސްކީމްގެ ފުރަތަމަ ފިޔަވަހީގައި ފެހުމުގެ ދާއިރާއިން ލޯން ލިބިފައިވާ ފަރާތެއްގެ ޝުޢޫރު
މަޙްދިއްޔާ އިބްރާހިމްއަކީ ފަށާ މަދަދު ލޯން ސްކީމްގެ ފުރަތަމަ ފިޔަވަހީގައި ލޯން ލިބިފައިވާ ފަރާތެކެވެ. ބޭބެއަކާއެކު ކުރަމުންއައި މަސައްކަތް ދަސްކޮށް އަމިއްލަ ވިޔަފާރިއެއް ފަށައިގެން އެވިޔަފާރިވަނީ މިއަދު އިތުރަށް ފުޅާކޮށް މީހަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެހާ ކާމިޔާބު ވިޔަފާރިިއަކަށް ހަދާފައެވެ.
މަޙްދިއްޔާ މި ލޯން ސްކީމް ހިޔާރުކުރެއްވި ސަބަބަކަށް ފާހަގަކުރައްވާފައިވަނީ، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން، ލިބޭ އާމްދަނީވެސް ކުޑަވެ ދެކޮޅު ނުޖެހޭތީ ކަމަށާއި، ކުރާ ވިޔަފާރިން ރައްޔިތުންނަށް ރަނގަޅު ފައިދާއެއް ފޯރުކޮށްދޭން ވެސް ބޭނުންވާތީ ކަމަށެވެ.
މަޙްދިއްޔާ ފާހަގަކުރެއްވި ގޮތުގައި، ވަރަށް ގިނަ ފަހަރަ އެހެން ފަރާތްތަކުން ލޯނަށް އެދި ހުށަހެޅިކަމަށާއިި، ނަމަވެސް، ވަޒިފާ އަދާނުކުރުމުގެ ސަބަބުން އެއްވެސް ތަނަކުން ލޯނު ހަމަޖެހިފައި ނުވާކަމަށެވެ. ފަށާ މަދަދު ޕްރޮގްރާމުގެ އަމާޒަކީ، ވިިޔަފާރިއެއް ފަށަން ބޭނުންވެ އެ ފުރުސަތު ފަހިވެފައި ނުވާ އަންހެނުނަށް އެފުރުސަތު ހޯދައިދިނުންކަމުން، ކުޑަކުޑަ އުއްމީދަކާއި އެކު ހުށަހެޅި މި ލޯނު 5 މަސް ދުވަސްތެރޭގައި ހަމަޖެހިގެން ދިޔަކަމުގައި މަޙްދިއްޔާ ބުނެފައިވެއެވެ. މީގެ އިތުރުން، އާންމުކޮށް ބޭންކުތަކުން ލޯނު ނަގާއިރު އިންޓަރެސްޓް ބޮޑުވުމާއި ރަހުނު ބަހައްޓަން ޖެހުން ފަދަ ގޮންޖެހުންތައް ހުންނައިރު، މި ލޯނުގައި އަތުން ބޮޑު ޚަރަދުތަކެއް ނުގޮސް ވިޔަފާރި ކުރިއެރުވުމަށް މަގުފަހިވެގެންދާ ކަމަށް ވެސް މަޙްދިއްޔާ ވަނީ ބުނެފައެވެ.
ފަށާ މަދަދު ޕްރޮގްރާމުގެ ދަށުން، މަޙްދިއްޔާއަށް ލޯނު ހަމަޖެހިގެން ދިއުމުން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ، ވިޔަފާރި ފުޅާކުރުމަށް ބޮޑު ޖާގައެއް ލިބިގެން ދިއުމާއި، މަސައްކަތް އިތުރަށް ފުރިހަމަކޮށް ކުރުމަށް އިތުރު މުވައްޒަފަކު ހަމަޖެއްސުމަށް ފަސޭހަވެގެން ދިއުންކަމަށެވެ. އަދި ކުރިން ކުޑަ ޖާގައެއްގައި ދުވާލަކު އެކެއް ނުވަތަ ދެ ހެދުން ފަހައިގެން ލިބޭ ކުޑަ އާމްދަނީ ގެ ބަދަލުގައި މިހާރު ފަހަށް ރައްކާކުރެވޭ ވަރަށް އާމްދަނީ ލިބޭ ކަމުގައި ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"މި ލޯނު ލިބުމާއެކު، އަޅުގަނޑުގެ ހަޔާތުގައި ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވޭ. އޭގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއަކީ، ވިޔަފާރިކުރާނެ ބޮޑު ތަނެއް ލިބިގެން ދިއުން. މިއާއެކު، އަޅުގަނޑުގެ ވިޔަފާރީގައި މަސައްކަތްކުރާނެ އިތުރު މުވައްޒަފަކު ވެސް ލިބިގެން ދިޔުމުން، ވިޔަފާރި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް." މަޙްދިއްޔާ ބުނެފައިވެއެވެ.
އަމިއްލަ ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިން ފަށާފައިވާ ވިޔަފާރިއެއް ފުޅާކުރުމަށް ފަށާ މަދަދު ލޯނު ސްކީމަށް ކުރިމަތި ލުމަކީ ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި މަޙްދިއްޔާ ވަނިީ ފާހަގަކުރައްވާފައެވެ. އަދި މިއީ އަންހެނުންނަށް އިޤްތިޞާދީ ގޮތުން ބާރުވެރިކަން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މަސައްކަތްކުރާ އަންހެނުންނަށް މަޙުދިއްޔާ ދޭން ބޭނުންވާ މެސެޖަކީ، ކޮންމެ މަސައްކަތެއް ކުރިއަސް އުއްމީދާއި އަޒުމު ކަނޑައެޅުމަށާއި، ކުރާ މަސައްކަތެއް ޕްލޭނެއްގެ ދަށުން ކުރުމަށެވެ. އަދި ހިތްވަރާއެކު މަސައްކަތްކުރުމަކީ ކާމިޔާބީއަށް ވާސިލުވުމުގެ އެންމެ މުހިންމުކަން ކަމުގައި މަޙްދިއްޔާ ފާހަގަކުރެއްވިއެވެ.