ދިވެހި ޙައްޖުވެރީން އެނބުރި މާލެ އައުން މި މަހުގެ 13، 14، 16، 17ގައި!
މި އަހަރު ރާއްޖޭން ޙައްޖުގެ އަޅުކަމަށް ސުޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރީން މި މަހު 13ވަނަ ދުވަހު ރާއްޖެ އަންނާން ފަށާނެއެވެ.
ޙައްޖުވެރީން އެނބުރި އަންނާން ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހައިލައިގެންނެވެ. ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އަންނާން ހަމަޖެހިފައިވަނީ މި މަހުގެ 13ވަނަ ދުވަހުއެވެ. ދެ ވަނަ ފްލައިޓު މި މަހު 14ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ އިރު، ތިންވަނަ ފްލައިޓުގެ ޙައްޖުވެރީން އަންނާން ހަމަޖެހިފައިވަނީ މި މަހުގެ 16ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރީން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17ވަނަ ދުވަހުއެވެ.
ހައްޖުވެރީން އެނބުރި މާލެ އަންނަ އިރު، މަރުހަބާކިޔާން ވީހައި ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުޙަންމަދު ހަމްޒަތު ވަނީ ހައްޖުގެ އަޅުކަމަށް ފަހު، މީހުން އަނބުރައި އަންނައިރު، ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، އެއަރޕޯޓަށް ވީހައި ވެސް މަދުން މީހުން ދިއުމަށް އިލްތިމާސްކުރައްވައިފައެވެ. އެއީ އެކި ރޯގާތައް ފެތުރުން ކުޑަކުރުމަށް ޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ދިވެހި ޙައްޖުވެރީން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުމަށް ޓަކައި، މިއަދު ވަނީ މަދީނާއަށް ފުރާން ފަށައިފައެވެ. މިހާރު ވަނީ ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު މަދީނާއަށް ފުރައިފައެވެ.