ޙައްޖުވެރީން ފުރަތަމަ ފަހަރަށް ހައި އިސްޕީޑް ރޭލުގައި މަދީނާއަށް!
ޙައްޖާ ގުޅޭ އެންމެހާގައި އަޅުކަންތައް ފުރިހަމަކުރުމަށް ފަހު ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު މިއަދު މަދީނާއަށް ފުރައިފިއެވެ.
ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ދަތުރު މި ފަހަރު ކުރާން ހަމަޖެހިފައިވަނީ ހައި އިސްޕީޑު ރޭލުގައެވެ. މީގެ ކުރީން ބަހުގައި ކުރަމުން އައި ހަ ގަޑި އިރާއި އަށް ގަޑި އިރުގެ ދަތުރުގެ ބަދަލުގައި ދެ ގަޑި އިރުން މަދީނާއަށް ދެވޭ ރޭލުގައި މި ދަތުރުކުރާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. މިއީ ޙައްޖުވެރީންގެ ކަންކަން ލުއިފަސޭހަކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ބަދަލުކުރެވުނު ކަމެކެވެ.
ދިވެހި ޙައްޖުވެރީން މަދީނާއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހައިލައިގެންނެވެ. ޙައްޖުވެރީން ރާއްޖެއަށް އެނބުރި އަންނާން ފުރާނީ މަދީނާއިންނެވެ. ޙައްޖުވެރިން އެނބުރި އަންނާން ހަމަޖެހިފައިވަނީ މި މަހުގެ 13، 14، 16 އަދި 17 މި ދުވަސްތަކުގައެވެ.