logo
banner image

ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިޚް އިބްރާހިމް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރާ ގޮތަށް ހަމަޖައްސަވައިފި

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ އިސް ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށްފަހު ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

"9 ޖޫން 2025ގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު (13 ޖޫން 2025)ގައި ހުކުރުނަމާދަށް ފަހު، މާލޭގެ އިތުރަށް މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ." މި ކަމާ ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ޝައިޚް ފަރީދު އަވަހާރުވުމާއި ގުޅިގެން ތަޢުޒިޔާ ފޮނުއްވައި، ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދަކީ ޚިދުމަތްތެރި ޝަުސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ޤުރުވާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއްކަމަށެވެ.

މީގެ އިތުރަށް ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއްކަމަށާއި ގާތްކަން ބޭއްވެވި އަދި ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ "ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެކެވެ. ނުހަނު ޚިދުމަތްތެރި ހިތްވަރުފުޅު ގަދަ ޝަޚްޞިއްޔަތެކެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގަތް ބޭފުޅެކެވެ."