"އަރްމޭނިއަން ޔޫތު އޯޕަން 2025" ގައި ރަން މެޑަލް ހޯދި ލައިބާއަށް ހޫނު މަރުހަބާއެއް!
"އަރްމޭނިއަން ޔޫތު އޯޕަން 2025"ގެ ތިން ކެޓެގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހާސިލުކުރި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ލައިބާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒު އާއި ޕަރމެނެންޓް ސެކްރެޓަރީ އަހްމަދު ޝިއާއު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމް (މުންތޭ) އެވެ.
ސްޓޭޓް މިނިސްޓަރ ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް ބެޑްމިންޓަނުން ރާއްޖެއަށް ގިނަ ރަންވަނަތަކެއް ލައިބާ ގެނެސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ލައިބާ މި ގެނެސްދިން ރަން މެޑަލްތަކަކީ ރާއްޖެ ފަހުރުވެރިވާ ކަމެއް ކަމަށާއި، ކުޅިވަރު ވުޒާރާއިން ލައިބާގެ ކުރިއެރުމަށް ހިތްވަރު ދެއްވާކަމަށް ރިޔާޒް ފާހަގަ ކުރެއްވިއެވެ.

"އަރްމޭނިއަން ޔޫތު އޯޕަން 2025"ގެ ޑަބަލްސް ރަން މެޑަލް ލައިބާ ހޯދީ ފައިނަލުގައި ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާ އާއި ޖޯޖޮއާގެ އަނާ ސާކިސިއަންއާ ޕެއާއާ އެވެ. ލައިބާ އާއި އޭނާގެ ޕާޓްނަރު މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-11 އިންނެވެ.
މިކްސް ޑަބަލްސްގައި ލައިބާ ޕެއާ އިން ނުކުތީ އަންޑްރޭސް ސްޓްރޮވޮލިޑިސް އާއި އެމެލިއާ ސޮފޮކްލެއޮސްއާ، އެވެ. މި މެޗު ލައިބާގެ ޕެއާ އިން ކާމިޔާބުކުރީ 21-15 އަދި 21-11 އިންނެވެ.
ލައިބާ ބުނީ މިކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި، އަބަދުވެސް މުބާރާތްތަކަށް ދަނީ ރަން މެޑައްޔަކަށް އުންމީދުކޮށްގެން ކަމަށެވެ. އަދި ލައިބާގެ ކާމިޔާބީ ސަރުކާރުން ފާހަގަ ކުރެއްވީތީ ވަރަށް އުވާފާ ކަމަށާއި، އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިއްޖެކަމަށްވެސް ލައިބާ ބުންޏެވެ.
ލައިބާ ވަނީ މީގެ ކުރިން ވެސް ބެޑްމިންޓަން އެކި މުބާރާތްތަކުގައި ވާދަކޮށް ގިނަ މެޑަލްތަކެއް ކާމިޔާބުކޮށްފަ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އަދި ޖޫނިއާ ކެޓަގަރީއަކުން ރާއްޖެއަށް ރަން މެޑަލް ހޯދުނު ފުރަތަމަ ފަހަރެވެ.