އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް އާއި މިނިސްޓަރ ޝިޔާމް ބައްދަލުކުރައްވައިފި
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ)ގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއޯ ގެ ޑިރެކްޓާ ޖެނެރަލް ދެއްވައިފި އެވެ.
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ) ގެ ޑިރެކްޓާ ޖެނެރަލް މިހެން ވިދާޅުވީ ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވަނީ އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް އާއި ބައްދަލުކުރައްވާ އެފްއޭއޯ އިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި އެފްއޭއޯގެ ޚާއްޞަ އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.
ދިވެހިރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެ ކަމުގެ ޔަގީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދެއްވާފަ އެވެ. އަދި ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއަރުވާ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވި އެވެ.