logo
banner image

ދިވެހިރާއްޖޭގެ އިގްތިސޯދުގެ ހަކަތައަކީ ކަނޑު ކަމަށާ ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ އިގްތިސޯދުގެ ހަކަތައަކީ ކަނޑު ކަމަށާ ދިވެހި ޘަޤާފަތް ބައްޓަންކުރުމުގެ އިތުރަށް، ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ކަނޑުތައް ޙިމާޔަތް ކުރަންޖެހޭކަން އެއީ، ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހި ޘަޤާފަތް ބައްޓަންކުރުމުގެ އިތުރަށް، ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައްކަން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލި، ފަރުތަކުގެ މުރަކަތައް ހަލާކުވެ، ގައު ހުދުވުމުގެ އިތުރަށް، މަސްއައިންތަކުގެ ހިޖުރައިގެ އުސްލޫބަށްވެސް ބަދަލު އަންނަކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މިކަންކަމަކީ މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކަނޑުތައް ޙިމާޔަތް ކުރުމަށްޓަކައި ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މުރަކައިގެ ދިރުންތައް ރައްކާތެރިކޮށް އާލާ ކުރުމަށް ހިންގާ ހަރަކާތްތަކާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތު ކުރުމަކީ ދިވެހިރާއްޖެއިން އަޅަމުންދާ ބައެއް ފިޔަވަޅުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތީ ސައިންސާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން އައު ފުރުޞަތުތައް ފަހިކޮށް، މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިޢުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން، ދިރާސާކޮށް ޓެކްނޮލޮޖީގެ އަލީގައި، މީގެ ކުރިން އެއްވެސް އަގެއް ނެތި ކުނީގެ ގޮތުގައި އުކާލަމުން އައި ތަކެތިން އައު ތަކެތި އުފެއްދުމުގެ ދާއިރާގައި ވުނަކުރުމާއި، ރާއްޖޭގައި ފަރުމާކޮށް އުފެއްދިދާނެ ތަކެއްޗާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ، އޮޓޯމޭޝަންގެ ދާއިރާގައި ވުނަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަޢުދުވެވަޑައިގެންފައިވެއެވެ.

ކޮންމެމީހަކީވެސް ކަނޑުތައް ހިމާޔަތްކޮށް، ކަނޑުތަކާބެހޭ މައުލޫމާތު އެނގޭ މީހަކަށް ވުމަށް ރައީސް ގޮވާލެއްވި އެވެ.