ލ. ގަމުގެ ވަޅު ޢީދު ދުވަސް
ވަޅު ޢީދު ދުވަހުގެ ކުޅިވަރުތައް ލ. ގަމުގައި ފެށިގެން ދިޔައީ އެ ރަށު މަތިމަރަދޫ އަތިރިމަތީގައި ހެނދުނު ބޭއްވި ކުޅިވަރު ހަރަކާތްތަކުންނެވެ. ހަމަ އެ ވަގުތު ގަމު އާބާދު ސަރަހައްދުގައި އަންހެނުންނާއި ފިރިހެނުންނަށް ބޭއްވި ފައިގަތަޅާ މުބާރާތެއް ކުރިއަށް ދިޔަ އެވެ. އެ މުބާރާތް ބައްލަވާލެއްވުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުން، އެ ރަށުގައި ހުންނެވި އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ، ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވި އެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔޫސުފް ނަޝީދާއި، ކައުންސިލް ރައީސް އަދި ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ ޓީމުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރަށް ވަޒީރު ވަނީ އެ ސަރަހައްދުގައި ކުރިއަށްގެންދިޔަ، ފައިގަތަޅާ މުބާރާތުގައި ބައިވެރިވެވަޑައިގެން ފައިގަތަޅާ ވެސް ކުޅުއްވާފަ އެވެ. އަދި ގަމު ތުނޑި އަވަށުގެ ރައްޔިތުން ޢީދު ކުޅިވަރު ކުޅެމުން ދިޔަ ސަރަހައްދަށް ޒިޔާރާތްކޮށް އެތަނުގައި ކުރިއަށް ދިޔަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ ފަހުން ވަޒީރު ވަނީ ޖޫން 4 ވަނަ ދުވަހު އެ ރަށުން ނިޔާވި ގަމު ފެސްފަރީ ޢަދުއްޞަމަދު، އަދި ޢީދު ދުވަހު ނިޔާވި ޞަމަދުގެ އަނބިކަނބަލުންގެ މާމަ ޝަމީމާ ޢަލީ ގެ ގެއަށް ޒިޔާރާތްކުރައްވާ އެ ޢާއިލާއަށް ތައުޒިޔާ ކިޔުއްވާފަ އެވެ.

މީގެ އިތުރަށް ލ. ގަމުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ކުރިއަށްދާ ޢީދު ހަރަކާތްތަކުގެ ތެރެއިން ހަވީރު ބޭއްވި ބަށި މެޗު، އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ، ޢާއިޝަތު ޝިހާމް ޝަރަފުވެރިކޮށްދެއްވި އެވެ.

ސަރުކާރުން މިފަހަރު އަޟްޙާ ޢީދު ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ލ. ގަމުގައި ވަޅު ޢީދު ދުވަހު ހަވީރު މި ބަށި މެޗު ކުރިއަށްދިޔައީ އެސަރަހައްދުގެ ޢީދު ކޮމިޓީން އިންތިޒާމުކޮށްގެން ރަށު އާބާދު ކުޅޭ ބިން ސަރަހައްދުގަ އެވެ. ވަޒީރު ވަނީ މި މެޗު ބައްލަވާލައްވައި، މެޗުގައި ބައިވެރިވި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.
ވަޅު ޢީދު ދުވަހު ހަވީރު އެ ރަށުގައި ތިއްމުގޯލި މުބާރާތެއް ވެސް ބާއްވާފައިވެ އެވެ. މި މުބާރާތް ބާއްވާފައި ވަނީ މަތިމަރަދޫ ޢީދު ކޮމިޓީން އިންތިޒާމުކޮށްގެން އެ އަވަށު ސްޓޭޖު ސަރަހައްދުގަ އެވެ.

ޢީދު ހަރަކާތްތަކުގެ ތެރެއިން ގަމުގައި ރޭގަނޑު ވަނީ ލަނގިރީގެ ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ. ލަނގިރި ހުށަހަޅައިދިނީ ތުނޑީ އަވަށުގެ ރައްޔިތުންގެ ފަރާތުންނެވެ. ތުނޑީ ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ޔޫސުފް ނަޝީދު ވަނީ ބެރުވެރިއެއްގެގޮތުން ބައިވެވަޑައިގެން މި ހަރަކާތް ފުރިހަމަކޮށްދެއްވާފަ އެވެ.

ލަނގިރީގެ މި ހަރަކާތުގައި ފިރިހެނުންނާއި އަންހެނުންގެ ލަނގިރި ވަނީ ވަކިން ދައްކާލާފަ އެވެ. އަދި މި ލަނގިރި ހަރަކާތްތަކުގައި ދިވެހިންގެ ތެރޭގައި މިހާރު މަދުން ނޫނީ ނުފެންނަ އިހުގެ ސަގާފީ ލަނގިރީގެ ފުރިހަމަ ފަންނުތައް ދައްކައިދިނެވެ. އަދި މި ހަރަކާތަށް ގަމުގެ ކުދިބޮޑު އެންމެންގެ ތަރުހީބު ލިބިގެންދިޔަ އެވެ.