ލ. ގަމުގެ ވަޅު ޢީދު ދުވަހުގެ ކުޅިވަރުތަކުގައި ވަޒީރު ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަތުން.
ވަޅު ޢީދު ދުވަހުގެ ކުޅިވަރުތައް ލ. ގަމުގައި ފެށިގެން ދިޔައީ އެ ރަށު މަތިމަރަދޫ އަތިރިމަތީގައި ހެނދުނު ބޭއްވި ކުޅިވަރު ހަރަކާތްތަކުންނެވެ. ހަމަ އެ ވަގުތު ގަމު އާބާދު ސަރަހައްދުގައި އަންހެނުންނާއި ފިރިހެނުންނަށް ބޭއްވި ފައިގަތަޅާ މުބާރާތެއް ކުރިއަށް ދިޔަ އެވެ. އެ މުބާރާތް ބައްލަވާލެއްވުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުން، އެ ރަށުގައި މިވަގުތު ހުންނެވި އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ، ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވި އެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔޫސުފް ނަޝީދާއި، ކައުންސިލް ރައީސް އަދި ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ ޓީމުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރަށް ވަޒީރު ވަނީ އެ ސަރަހައްދުގައި ކުރިއަށްގެންދިޔަ، ފައިގަތަޅާ މުބާރާތުގައި ބައިވެރިވެވަޑައިގެން ފައިގަތަޅާ ވެސް ކުޅުއްވާފަ އެވެ. އަދި ގަމު ތުނޑި އަވަށުގެ ރައްޔިތުން ޢީދު ކުޅިވަރު ކުޅެމުން ދިޔަ ސަރަހައްދަށް ޒިޔާރާތްކޮށް އެތަނުގައި ކުރިއަށް ދިޔަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ ފަހުން ވަޒީރު ވަނީ ޖޫން 4 ވަނަ ދުވަހު އެ ރަށުން ނިޔާވި ގަމު ފެސްފަރީ ޢަދުއްޞަމަދު، އަދި ޢީދު ދުވަހު ނިޔާވި ޞަމަދުގެ އަނބިކަނބަލުންގެ މާމަ ޝަމީމާ ޢަލީ ގެ ގެއަށް ޒިޔާރާތްކުރައްވައި، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފަ އެވެ.